ޕީޕީއެމްއަށް ސޮއިކުރި އެންމެ މައިގަނޑު ސަބަބަކީ މަންމަގެ ރުހުން ހޯދުން ކަމަށް އެމްޑީޕީ ނޮޅިވަރަމް ގޮފީގެ ކުރީގެ ރައީސް މުހައްމަދު މުޞްޠަފާ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުސްތަފާ ވިދާޅުވީ ޕާޓީ ބަދަލުކުރުގެ ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެހެން ނަމަވެސް މަންމަގެ ރުހުން ހޯދުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ. އާއިލާގެ މެމްބަރުންނަކީ ޕީޕީއެމްގެ ފިކުރަށް ތާއިދުކުރާ ބައެއްކަން ފާހަގަ ކުރައްވަމުން މުސްތޮ ވިދާޅުވީ މިހުރިހާ ދުވަހު މަންމައާއި “މޫނުކެނޑިފައި” ހުރިގޮތް މިހާރު ބޭނުން ނުވާކަމަށެވެ
“ތެދަށް ބުނަންޏާ ބުނެވޭނީ ޕީޕީއެމްއަށް އަޅުގަނޑު މިވަނީ މަންމައަށްޓަކައޭ. މަންމަގެ ރުހުން ހޯދުމަށޭ.” މުސްތޮ ވިދާޅުވިއެވެ.
މުސްތޮ ވިދާޅުވީ ޕީޕީއެމްއަކީ ނޮޅިވަރަމުގެ ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެވޭނެ ޕާޓީއެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޕާޓީގެ ފަރާތްތަކާއި މަޝްވަރާކުރި ކުރުމުގައި ކުރިން ނުވިފައިދާތަކެއް ރަށަށްކުރާނެކަން ހާމަވެގެން ގޮސްފައިވާކަންވެސް މުސްތޮ ފާހަގަ ކުރެއްވި އެވެ.
ތިންވަނަ ފިކުރަކީ “ފަކުރެއް” ކަމަށާއި އެމްޑީޕީއާއި ޕީޕީއެމް ފިޔަވައި އެހެން ޕާޓީއެއްގައި އެއްވެސް ކުރިމަގެއް ނެތް ކަމަށް 2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި އިސްކޮށް އުޅުއްވި މުސްތޮ ވިދާޅުވި އެވެ.
އެމްޑީޕީ ނޮޅިވަރަމް ގޮފީގެ ކުރީގެ ރައީސް މުހައްމަދު މުސްތަފާ ޕީޕީއެމްއަށް ސޮއިކުރުމުގެ ރަސްމިއްޔާތު ރޭ އެރަށު ތީސްރީ މަންޒިލުގައި ބާއްވާފައިވާއިރު މުސްތޮގެ އިތުރުން އެރަށު އިތުރު 4 މީހަކުވެސް ވަނީ ރޭ ސޮއިކޮށްފައެވެ.