ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައި ކުޅުދުއްފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި ހދ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ހަވީރު އޮންނާނީ 8 ޖުލައި ވާ ހޮނިހިރު ދުވަހުގެ ހަވީރު އަމީރު އަމީން ސްކޫލުގެ ހުޅަނގުން ހިއްކި ސަރަހައްދުގަ އެވެ.
މިހަވީރުގެ އިންތިޒާމު ކޮމިޓީގެ މެމްބަރަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ބޭއްވޭ މި ހަވީރުގައި، އެކުދިންނަކީ މުޖްތަމައަށް ކިހާ ފައިދާހުރި ބައެއް ކަމާއި އެކުދިންނަށް ލިބިގެންދާ އެކިކަހަލަ އަނިޔާތައް އެހެން ފަރާތްތަކަށް އެނގިގެން ދާނެ ކަމަށެވެ. އަދި އެކުދިންނަށްޓަކައި ބެހެއްޓޭ ފަންޑު ފޮއްޓަށް ރައްޔިތުންގެ ދީލަތި އެހީތައް ފޯރުކޮށްދެއްވުމަށްވެސް އެބޭފުޅާ އެދިލެއްވި އެވެ.
އިންތިޒާމު ކޮމިޓީގެ މެމްބަރު އިތުރަށް ވިދާޅުވީ މާދަމާ ހަވީރު އޮންނަ ޔޫތު ކަޕުގެ ފައިނަލް މެޗުގައި އެކުދިންނަށްޓަކައި ހުޅުވޭ ފުރަތަމަ ފަންޑު ފޮށި ބެހެއްޓޭނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރު ކުރިއަށްދާ ވަގުތުގައިވެސް ފަންޑު ފޮއްޓެއް ބެހެއްޓޭނެ ކަމަށާއި އެތަނުގައި ތަފާތު އެކި ސްޓޯލްތައްވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
އާއްމުކޮށް ބޭއްވޭ ހަވީރުތަކާ ޚިލާފަށް ފަސްޓު އެެއިޑުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ކުޅުދުއްފުށީގައި ނުކުޅެދޭ ކުދިންގެ ގޮތުގައި 64 ކުދިން ރަޖިސްޓްރީވެފައިވާ ކަމަށާއި މި ހަވީރުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް އިންތިޒާމުކުރާ ފަރާތުން އެދިލައްވައެވެ.