ކުޅުދުއްފުށީގައި ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑު ކޮށްފައިވަނީ، އެނޫން ގޮތެއް ނެތިގެން ކަމަށް ކުޅުދުއްފުށީގައި ގޭހުގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ބުނެފި އެވެ.
މާލޭގައި ގޭސް ވިއްކާއަގަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު ކުޅުދުއްފުށީގައި ގޭސް ވިއްކާ އަގު ބޮޑުވެފައިވާތީ ބައެއް އާންމުން އަންނަނީ ޝަކުވާކުރަމުންނެވެ. ރަމަޟާންމަހާ ދިމާކޮށް ކުޅުދުއްފުށީގައި ވިއްކާ ގޭހުގެ އަގު ކޮންމެ ފުޅިއަކުން 10 ރުފިޔާ ވަނީ ބޮޑުވެފަ އެވެ.
ކައްކާ ގޭހުގެ އަގަށް ގެނައި ބަދަލާ ބެހޭގޮތުން، ކުޅުދުއްފުށީގައި މޯލްޑިވް ގޭސް ވިއްކާ ސޭމް ގޭސްގެ ވެރިޔާ އަބްދުއްސަލާމް ވިދާޅުވީ ކައްކާ ގޭހުގެ އަގު ބޮޑުވީ ގިނަ ސަބަބުތަކަކާ ހެދި ކަމަށެވެ. އަދި އެއީ ކުއްލި ގޮތަކަށް ހަމަހުރެފައި ބޮޑުކުރި ބޮޑުކުރުމެއް ނޫންކަމަށެވެ.
މެދުކެނޑުމެއް ނެތި 16 އަހަރު ކުޅުދުއްފުށީގައި މޯލްޑިވް ގޭސް ވިއްކަމުން އަންނަ އަބްދުއްސަލާމް ވިދާޅުވީ މޯލްޑިވް ގޭހުން އެޖެންޓުންނަށާއި އާއްމުންނަށް ގޭސް ފޯރުކޮށްދެނީ އެއް އަގެއްގައި ކަމަށާއި އެގޮތުން އެފަރާތަށްވެސް 10 ކިލޯގެ ގޭސް ފުޅިއެއް ލިބެނީ 225 ރުފިޔާ އަށް ކަމަށެވެ. ކުޅުދުއްފުށިން މާލެއަށް ގެންދާ ގޭސް ފުޅިއެއްގެ ނާލުގެ ގޮތުގައި 25 ރުފިޔާ ނަގާއިރު ތިލަފުއްޓާއި މާލެއާ ދެމެދު ގެންދާ ކޮންމެ ގޭސްފުޅިއަކަށް 10 ރުފިޔާގެ ނާލެއް ދައްކަންޖެހޭ ކަމަށެވެ.
ގޭސް ފުޅިއެއްގެ އަސްލު އުމުރަކީ 3 އަހަރުކަން ފާހަގަކުރައްވަމުން ސަލާމް ވިދާޅުވީ ކޮންމެ އައު ފުޅިއެއް ލިބެނީ 650 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން ކޮންމެ 3 އަހަރަކުން އައުފުޅި ހޯދުމަށް ފުޅިއަކުން 15 ރުފިޔާ ނަގަމުން އަންނަ ކަމަށެވެ.
ގޭސް އުފުލުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސަލާމް ވިދާޅުވީ ކުޅުދުއްފުށީގެ ބޯޓު ތިލަފުއްޓަށް ދެވޭނެގޮތެއް ނުވެއްޖެ ހިނދެއްގައި ދޯންޏަކަށް ބޮޑު އަގުދީފައި ހިފަންޖެހޭ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ގެތަކަށް ގޭސް ޑެލިވަރީ ކޮށްދޭ މުވައްޒަފުން އެކަން ކުރަނީ ވަރަށް ތަކުލީފުތަކާއެކު ކަމަށާއި އެމުވައްޒަފުންނަށް އެކަށިގެންވާ ރަނގަޅު މުސާރައެއް ދެމުން ގެންދާ ކަމަށެވެ. މިގޮތުން ޑެލިވަރީ ބޯއީއެއްގެ މުސާރަ ފަސް ހާހާއި ދިހަ ހާހުގެ ދެމެދުގައި ދެމުންގެންދާ ކަން ފާހަގަ ކުރެއްވި އެވެ.
ސަލާމް އިތުރަށް ވިދާޅުވީ ސޭމް އިން މި ޚިދުމަތް ފޯރުކޮށްދެނީ ސަރުކާރުން އެއްވެސް ސަބްސިޑީއެއް ދީގެން ނޫން ކަމަށާއި އަމިއްލަ ފަރާތަކުން މިކަން މިގޮތަށް ކުރަނީ ސޭމުން ގޭހުގެ ހިދުމަތް ދިނުން ހުއްޓާލައިފިނަމަ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ކަމަށެވެ. އަދި މާލޭގައި ގޭހުގެ އަގުބޮޑުނުވުމާއި ކުޅުދުއްފުށީގައި ގޭހުގެ އަގު އުފުލުން އެއްފަދަ ނުކުރެވޭނެކަން ހަރަދުގެ ވަކިވަކި ހިސާބުތައް ދެއްވަމުން ސަލާމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
ކުޅުދުއްފުށީގައި ވިލާގޭސް ގެ ޚިދުމަތް ދެއްވަމުން ގެންދަވާ އެތުމާއިންވެސް ވަނީ ގޭސް ފުޅިއަކުން 10 ރުފިޔާ އަގު ބޮޑުކޮށްފަ އެވެ. އެކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ގޭހުގެ އަގުބޮޑުކުރީ ތިލަފުއްޓާއި މާލެއާ ދެމެދު ނަގާ އަގު ބޮޑުކުރުމުން ކަމަށެވެ.
10 ކިލޯގެ ގޭސްފުޅިއެއް މިހާރު ކުޅުދުއްފުށީގައި ވިއްކަމުންދަނީ 295 ރުފިޔާ އަށެވެ. ހއ އަދި ށ ގެ ރަށްރަށުގައި 280 އަށް ގޭސް ވިއްކަމުންދާއިރު އުތުރުގެ ތިން އަތޮޅުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ގޭސް ވިއްކަމުންދަނީ ކުޅުދުއްފުށިގައެވެ.