ކުޅުދުއްފުށީ ބާޒާރުގައި މީގެ ހަފުތާއެއް ކުރިން 40 ރުފިޔާ އާއި 30 ރުފިޔާ ދެމެދު ވިއްކަމުން ދިޔަ ކެރެޓާއި ކެބެޖް ކިލޯއެއްގެ އަގު މިއަދު 70 ރުފިޔާ އަށް އުފުލިއްޖެ އެވެ.
ކުޅުދުއްފުށީގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ތަރުކާރީގެ އަގު (ކެރެޓާއި ކެބެޖް) އަގު އުފުލުނީ މާލޭގެ ބާޒާރުގައި އެތަކެތީގެ އަގު އުފުލުމުން ކަމަށެވެ. އެގޮތުން 10 ކިލޯގެ ކެރެޓް ކޭހެއް މާލޭގެ ބާޒާރުން ލިބެންހުރީ 500 ރުފިޔާ އާއި 600 ރުފިޔާގެ ދެމެދުގެ އަގެއްގައި ކަމަށެވެ. އަދި ކެބެޖް ބަސްތާއެއްގެ އަގުވެސް އުޅެނީ ދާދި އެއް އަގެއްގައި ކަމަށް އެފަރާތްތަކުން ބުންޏެވެ.
ކުޅުދުއްފުށީގައި މިއަދު ކެބެޖް ހޯލްސޭލްކޮށް ވިއްކާފައެއް ނުވެއެވެ. ބައެއް ފަރާތަކުން ބުނީ މިވަގުތު ދަތުރުފަތުރު ހުރި ގޮތުން ތަރުކާރީ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ބޮޑެތި ވިޔަފާރިވެރިން އެތަކެތި އަގު ބޮޑު ކުރީ ކަމަށެވެ.
މީގެ ކުރިން 35 ރުފިޔާ އަށް ވިއްކަމުން ދިޔަ ކޭކުފުއް ޕެކެޓްގެ އަގު މިހާރު ހުރީ 45 ރުފިޔާ އަށެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އާއްމު ބޭނުން ތަކަށް ބޭނުން ކުރާ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެއެވެ. މިދިޔަ އަހަރުގެ ރޯދަމަސް ފެށުނު އިރު ކުޅުދުއްފުށީގައި ކެރެޓް ކިލޯއެއް ހުރީ 100 ރުފިޔާ އަށެވެ.