މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ދިޔަވި ކުޅުދުއްފުށީ ސިކަންދަރު ބޯޓު މިރޭގެ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ގެނެވޭނެ ކަމަށް މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.
މިނޫހުން ކުރި ސުވާލަކަށް ގަވާބު ދެއްވަމުން މުހައްމަދު ޒުހެއިރު ވިދާޅުވީ ބަހާދަރު ބޯޓުގައި ކަފު ޖަހައިގެން މިހާރު ސިކަންދަރު ބޯޓު ކުޅުދުއްފުއްޓަށް އަންނަ ކަމަށެވެ. މިރޭ ގާގަނޑަކަށް 12:30 ހާއިރު އެ ބޯޓު ކުޅުދުއްފުއްޓަށް ގެނެވޭނެ ކަމަށް ބަހާދަރު ބޯޓުގެ ކެޕްޓަނާއި ހަވާލާދީ ޒުހެއިރު ވިދާޅުވި އެވެ. ކުޅުދުއްފުއްޓަށް ބޯޓު ގެނައިނަމަވެސް ބަނދަރަށް މިރޭ ބޯޓު ވައްދާނެކަން އަދި ޔަގީން ކުރަންދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ހިލަޔާއި ސިމެންތި އަދި ގޭސް ހިފައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ސިކަންދަރު ބޯޓް ދިޔަވާން ދިމާވި ސަބަބާ ގުޅޭގޮތުން ޒުހެއިރު ވިދާޅުވީ މުދާ ބޯޓަށް ބަރުކޮށްފައިވާނީ ގައިވަދަށް ކަމަށާއި އާދަޔާ ހިލާފަށް ބަރު ކޮށްފައިނުވާނެ ކަމަށެވެ.
ބޯޓު ދިޔަވާން ދިމާވީ މޫސުން ގޯސްވެ، އައި ކޮޅިގަނޑެއްގައި ބޯޓު ޖެހި މަތިން ލޮނު އަރައިގެން ކަމަށާއި އެހެން ވުމުގެ ސަބަބުން މަތީގައި ހުރި ހިލަވެލި ބަސްތާ ތަކުގައި ލޮނު ޖެހުމުގެ ސަބަބުން ބޯޓު އިތުރަށް ބަރުވެ ދިޔަގަނޑު އެރީ ކަމަށެވެ. އަދި ހަމަ އެވަގުތު ބޯޓުގެ 2 ޕަމްޕު ފެއިލް ވީ ކަމަށާއި ރިޒާވުގައި ހުރި ޕަންޕުވެސް މަސައްކަތެއް ނުކުރިކަމަށް އޭނާ ވިދާޅުވި އެވެ.
5 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުން ބޯޓުގައި ހުރި ބައެއް މުދާތައް ކަނޑަށް އުކާލަން މަޖުބޫރުވީ ކަމަށާއި އެގޮތުން ބައެއް ހިލަވެއްޔާއި ސިމެންތި ކަނޑަށް އުކާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ގޭސް ފުޅިއެއް އެއްލާލާފައި ނުވާނެ ކަމަށް ސިކަންދަރު ބޯޓުގެ ކެޕްޓަނާ ހަވާލާދީ ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު ވިދާޅުވީ ބޯޓުގައި ތިބި ފަޅުވެރިންގެ ހާލު ރަގަޅު ކަމަށާއި މިވަގުތު މިހާދިސާގައި ލިބުނު ގެއްލުން ބުނެދޭން ނޭގޭ ކަމަށެވެ.
ސިކަންދަރު ބޯޓުގައި މީގެ ކުރިން ހިނގި އަލިފާނުގައި ހާދިސާއެއްގައި އެ ބޯޓުގެ ގެގަނޑުގެ ބޮޑު ބައެއް ހަލާކުވި އެވެ. އެފަހަރުގެ މަރާމާތަށް ފަހު ބޯޓު އަލުން ދުއްވަން ފެށީ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.