ހދ ހޮނޑައިދޫގައި ބަނގުރާ ބުއިކަމުގެ ތުހުމަތުގައި މަޖިލީހުގެ 2 މެމްބަރަކާއި ކުރީ ސަރުކާރުގެ ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހެއިރާއި ކުރީގެ ރައީސްގެ ހާއްސަ މުޝީރު އިބްރާހިމް ހުސެއިން ޒަކީ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.
ހދ ހޮނޑައިދޫގައި މިދިޔަ އަހަރުނޮވެމްބަރު މަހު، މަސްތުވާތަކެތި ބޭނުން ކޮށް ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ އެމްޑިޕީ މެމްބަރު ކާށީދޫ ދާއިރާގެ އަބުދުﷲ ޖާބިރާއި ހަމަ އެޕާޓީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ހިމެނިވަޑައިގަންނަވައެވެ. އަދި ކުރީގެ ރައީސް ނަޝީދު ސްޕެޝަލް އެންވޯއީ އިބުރާހިމް ހުސެއިން ޒަކީ އާއި އޭނާގެ ދަރިކަލުން މުހައްމަދު ހަމްދާން ޒަކީ އާއި ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާއި އޭނާގެ އަނބި ކަނބަލުން މއ.މައިނާ، މަރިޔަމް ފާއިޒްގެ އިތުރުން ސ. ހުޅުދޫ ރީފްސައިޑް، ޖާދުﷲ ޖަމީލު ހިމެނެއެވެ. މިބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ ބުދަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމަށް ފުލުހުން ހާމަ ކުރެއެވެ.
މިހަތް މީހުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ 2012 އަހަރު ނޮވެމްބަރު މަހު 16 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު ހދ. ގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ހޮނޑައިދޫގައި މިމީހުން މަސްތުވާތަކެތި ބޭނުން ކޮށް އެތަކެތި ގެންގުޅެ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައާ ގުޅިގެންނެވެ.
މީގެއިތުރުން މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މުހައްމަދު ޒުހެއިރާއި އަބުދުﷲ ޖާބިރާއި ހާމިދު އަބުދުއް ގަފޫރުގެ އިތުރުން އިބްރާހިމް ހުސެން ޒަކީ އަދި މަރިޔަމް ފާއިޒު އަށް ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން އެތަކެތި ދިނުމަށް އިންކާރު ކުރި މައްސަލައިގައި ވެސް މި 5 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ޕީޖީ އަށް ވަނީ ފޮނުވާފައި ވާކަމަށް ފުލުހުން ހާމަކުރެއެވެ.