ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ ރިޕޯޓުގައި ނޮޅިވަރަމް ކައުންސިލުގެ ވާހަކަތަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށް އެ ކައުންސިލުގެ ރައީސް ޝާފިއު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ ނޮޅިވަރަމް ރައްޔިތުންނަން ލިބިފައިވާ 172 ގޯތި އެރަށު ކައުންސިލުން ނުދީ ހިފަހައްޓާފައިވާތީ، އެގޯތިތައް 30 ދުވަހުގެ ތެރޭގައި ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ ރަށު ކައުންސިލް އިދާރާގެ މައްޗަށް ކުރި އަމުރާއި ބެހޭގޮތުން މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޝާފިއު ވިދާޅުވީ ނޮޅިވަރަމުން ގޯތި ދޫނުކުރެވި ހުރުމުގައި ތަފާތު އެތައް ސަބަބުތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ކައުންސިލުން ފާހަގަ ކުރި ނުގުތާތައް ރިޕޯޓުގައި ހިމެނިފައިނުވާ ކަމަށެވެ.
އެހެން ކަމުން މި ރިޕޯޓުގައި މައްސަލަތަކެއް ހިމެނޭ ކަމަށާއި އެހެން ނަމަވެސް މަޖިލީހުން ނެރުނު އަމުރަށް އިހުތިރާމް ކުރައްވާ ކަމަށް ޝާފިއުއު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ނޮޅިވަރަމް ކައުންސިލުގެ މައްޗަށް ނެރެފައިވާ އަމުރު އެ އިދާރާއަށް އަދި ލިބިފައިނުވާ ކަމަށާއި އެ އަމުރު އިދާރާއަށް ލިބެން ޖެހޭނެކަން ފާހަގަކުރައްވަމުން ޝާފިއު ވިދާޅުވީ ކޮމިޓީގެ އަމުރަށް އަމަލުކުރެވޭނީ އަމުރު އެ އިދާރާއަށް ލިބުމަށް ފަހުގައި ކަމަށެވެ.
ޝާފިއު ވިދާޅުވީ ގޯތި ދޫކުރުމަށް ކައުންސިލުން މިހާތަނަށް ތަފާތު ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި މިގޮތުން ކައުންސިލުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް ކައުންސިލްގެ މެމްބަރުންގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކުން އެދެވޭ ނަތީޖާއެއް ނުކުމެފައި ނުވާ ކަމަށެވެ.
ކައުންސިލްގެ ރައީސާއި މެމްބަރެއްގެ މަސްލަހަތު މިކަމުގައި ހިމެނޭތީ ބައްދަލުވުންތަކުގައި ބައިވެރިވެނުލެއްވޭނެކަން ފާހަގަކުރައްވަމުން ޝާފިއު ވިދާޅުވީ ހައިކޯޓަށް މިމައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގައި އެ މައްސަލަ ހުށަހެޅުމާމެދު ވެސް ގޮތެއް ނިންމިފައި ނުވާ ކަމަށެވެ. އަދި މިހާރު ކައުންސިލުގެ މެމްބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން ކައުންސިލުގެ ބައްދަލުވުންތަކުގައި ކޯރަމް ހަމަނުވާނެ ކަމަށާއި އަތޮޅު ކައުންސިލްގެ ނޮޅިވަރަން ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަން ވެސް މިކަމުގައި އެއްބާރުލުން ދިނުމަށްވުރެ މައްސަލަ ގޯސްކުރުމަށް މަސައްކަތް ކުރަމުންދާ ޝާފިއު ވިދާޅުވި އެވެ.
މިގޮތުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ރައްޔިތުން ނުކުމެ ގެ އެޅުމުގައި ޒަކަރިއްޔާގެ ދައުރެއް ވާކަމަށް ޝާފިއު ވިދާޅުވި އެވެ.
ނޮޅިވަރަމުގެ 400 އަށްވުރެ ގިނަ މީހުން ސޮއިކޮށް ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ހުށަހެޅި މައްސަލަގައި މަޖިލީހުން އަމުރެއް ނެރެން ފާސްކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށް ފަހު މަޖިލީހުގައި ނެގި ވޯޓަކުންނެވެ. އެވަގުތު މަޖިލީހަށް ހާޒިރުވެ ތިބި 47 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓާއެކު އެވެ.
ކޮމެޓީންއެ މައްސަލަ ދިރާސާ ކުރުމަށް ފަހު ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓުން މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ރަށުން ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާކަން އެނގޭ ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އިން ހދ އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވި ސިޓީއެއްގައި ނޮޅިވަރަމުން ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި ނޮޅިވަރަމް ކޯޓުން ހުކުމަކުން އެ ގޯތިތަށް ދޫކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އަންގާފައިވާ ކަމަށެވެ.
މިއަމުރު ނެރޭތާ 30 ދުވަހުގެ ތެރޭގައި 172 ގޯތި އޭގެ ހައްގު ވެރިންނަން ދިނުމަށް މަޖިލީހުން ނެރެފައިވާ އަމުރުގައި ވެއެވެ. ގޯތި ދިނުމުގެ މައްސަލައިގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ކުރިމަތީގައި ގިނަ ދުވަސްތަކެއް ވަންދެން މުޒާހަރާތަކެއް ވެސް ކޮށްފައިވެއެވެ.