އަގު ބޮޑު އިނާމުތަކެއް ހުށަހެޅިފައިވާ ވަތަނިއްޔާ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
ވަތަނިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީނިއާ ސްޕެޝަލިސްޓް ޕީއާރު މާކެޓިން ކޮމިއުނިކޭޝަން މަރްޔަމް އަހުމަދު ދީދީ ވިދާޅުވީ ކޯލް އެންޑް ވިންގެ ނަމުގައި މި ރޯދަމަހު ކުރިއަށްގެންދާ ޕްރޮމޯޝަންގައި ވަތަނިއްޔާގެ ނަންބަރުތަކަށް 50ރ. ގެ ލޯކަލް ކޮށްގެން 3 ލައްކައަށްވުރެ އަގުހުރި އިނާމު ލިބޭނެ ކަމަށެވެ.
ކޯލް އެންޑް ވިން ޕްރޮމޯޝަނުގައި އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި އެކްސްޒޯނުގެ ފަރާތުން 140000ރ. އަގުހުރި ޔަމަހާ ޖުޕިޓަރ ސައިކަލެއް އަދި އަލޯރާގެ ފަރާތުން 50000ރ. ގެ ގިފްޓް ވޯޗަރެއް ދޭނެކަމަށް ވަތަނިއްޔާއިން ބުނެއެވެ. އަދި މީގެ އިތުރުން ކޮންމެ ހަފުތާއަކު ހޮވާލެވޭ ދެ ކަސްޓަމަރުންނަށް ރީފްސައިޑުގެ ފަރާތުން ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ލިބޭނެކަމަށް މަރްޔަމް ދީދީ ވިދާޅުވި އެވެ.
މި ރޯދަމަހު ވަތަނިއްޔާއިން ކުރިއަށް ގެންދާ ބޯނަސް ރިޗާޖް ޕްރޮމޯޝަނުގައި ހަފުތާ ބަންދު ދުވަސްތަކުގައި ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން ރީޗާރޖު އަދި ރާސްޓަސް ކޮށްގެން 25 އިންސައްތަ ބޯނަސް ކްރެޑިޓް ލިބެއެވެ.
އަދި ވަތަނިއްޔާގެ ނަންބަރުތަކުން ކުރާ އައިޑީޑީ ކޯލްތަކުގެ ފުރަތަމަ 3 މިނެޓަށްފަހު ލޯވެސްޓް އައިޑީޑީ މެދުވެރިކޮށް 20 އިންސައްތަ ޑިސްކައުންޓެއް ލިބެއެވެ.
ވަތަނިއްޔާ އިން މައުލޫމާތު ދޭގޮތުގައި، ރަމަޟާން މަހު ކުރިއަށްގެންދާ ޕްރޮމޯޝަން ތަކުގެ ތެރެއިން “ރަމަޟާން ސަޕްރައިޒް” ޕްރޮމޯޝަނުގައި *999# އަށް ގުޅައިގެން ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ކްރެޑިޓް، ލިވްއަންލިމިޓެޑް ވޯޗަރސް، އެޕަލް އައިފޯން 5 އަދި އެތައް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރަޞަތު ވަނީ ހުޅުވާލެވިފައެވެ.
އޭގެ އިތުރުން ވަތަނިއްޔާ ކަސްޓަމަރުން ސްރީލަންކާ، އިންޑިޔާ، ތައިލެންޑް، މެލޭޝިއާ އަދި ސައޫދީ އަރަބިއްޔާގައި ޕްރީޕެއިޑް ރޯމިން ހިދުމަތުން 10 އިންސައްތަ ޑިސްކައުންޓެއް ލިބެއެވެ.
މިއަހަރުގެ ރަމަޟާންމަހާ ދިމާކޮށް ފިތުރު ޒަކާތް ދައްކަން ބޭނުންވާ ވަތަނިއްޔާގެ ކަސްޓަމަރުންނަށފަސޭހަކަމާއެކީ ފިތުރު ޒަކާތް ދެއްކޭގޮތަށް ވަތަނިއްޔާއިން ވަނީ ތަނަވަސްކޮށްދީފައެވެ. އެގޮތުން ވަތަނިއްޔާގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް *909# ގުޅައިގެން ފަސޭހަކަމާއެކީ ފިތުރު ޒަކާތް ދެއްކޭގޮތް ވަނީ ހަމަޖައްސާފައެވެ.
ވަތަނިއްޔާގެ ޕްރޮމޯޝަންތަކުގެ ތެރެއިން “ރަމަޟާން ހާއްސަ” ޕްރޮމޯޝަންގައި ނަމާދު ވަގުތު އަންގައިދޭ އެސްއެމްއެސް ގެ ހިދުމަތް ހިލޭ ލިބޭގޮތްވަނީ ހަދާފައެވެ. އަދި ރީތި ޓިއުންސް މެދުވެރިކޮށް ގުރުއާނުގެ ދިވެހި ތަރުޖަމާ ލިބެން ހުންނައިރު މަދަހަވެސް ރީތި ޓިއުންސް މެދުވެރިކޮށް ލިބޭނެއެވެ.
ވަތަނިއްޔާގެ ރޯދަ ޕްރޮމޯޝަންތައް މިއަދު ފެށުނުއިރު ވަތަނިއްޔާއިން ސްޕޮންސަރ ކޮށްގެން ގެނެސްދޭ “ވަތަނިއްޔާ މަސްރޭސް” މިއަހަރުވެސް ކުރިއަށް ގެންދެއެވެ.