ސެޕްޓެމްބަރ 7 ގައި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ބަދަލު ކުރަން ސިފައިންނާއި ފުލުހުން ނިކުމެއްޖެނަމަ ސިފައިންގެ އަންދާލާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެއާރޕާސަން މޫސާ މަނިކު ދެއްވައިފި އެވެ.
އެމްޑީޕީގެ ރަނިންމޭޓް ޑރ މުސްތަފާ ލުތުފީ ބައިވެރިވަޑައިގެން، ރޭ ކުޅުދުއްފުށީ ގައި ބޭއްވި ޖަލްސާގައި މޫސާ މަނިކު ވިދާޅުވީ 7 ސެޕްޓެމްބަރުގައި ރައްޔިތުން ނިކުމެ ލާ ވޯޓުގެ ނަތީޖާ ސިފައިންނާއި ފުލުހުން އެހެން ގޮތަކަށް ބަދަލު ކުރަން ނިކުމެއްޖެ ނަމަ ސިފައިންގެ އަންދާލާނެ ކަމަށާއި އެހެން ވިދާޅުވެގެން ހައްޔަރުކުރާނަމަ އަވަހަށް ހައްޔަރު ކުރުމަށެވެ.
“އަޅުގަނޑުމެން ވޯޓު ލާ ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ވޯޓުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލު ކުރަން އެމީހުން (ސިފައިނާއި ފުލުހުން) ނިކުމެއްޖެ ނަމަ ސިފައިންގެ ވެސް އަންދާލާނަން. މިބުނަނީ ވަރަށް ކެރިގެން އަންދާލާނަން. އަވަހަށް ހައްޔަރު ކުރަންޏާ ކުރޭ” މޫސަ ވިދާޅުވި އެވެ.
ރައީސް ނަޝީދު ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރު ވެލެޒިނީ އާއި މެދު ފަޚުރުވެރިވާ ކަމަށާއި އެކަމަނާ އެދުވަހު ކުރެއްވި މަސައްކަތް ތަކަށް “ސެލިއުޓު” ކުރާ ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ޖުޑިޝަރީ ސާފުކުރަން ޖެހިފައިވާ ކަމަށް ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެކަން މޫސަ ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީއަށް ތާއިދުކުރާ ގިނަ ބަޔަކު ބައިވެރިވި މިޖަލްސާ ގައި މޫސާ މަނިކު ވިދާޅުވީ ބަޣާވާތެއް ގެނެސް ދިވެހި ގައުމުގެ ޖުމްހޫރިއްޔާގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް މިގައުމުގައި ވެރިކަން ކުރުމުގެ ފުރުޞަތު ދެން އެކަކަވެސް ނުދޭނެ ކަމަށާއި އިންސާނާގެ ނަފްސުގެ އަގު ނުހިފެހެއްޓުނު ބަޔަކަށް ދެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
މިޖަލްސާގައި ރައީސް ވަހީދު އަށާއި ޖުމްހޫރީ ކޯލިޝަނަން ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ.