ކުޅުދުއްފުށީ މީހުން ޑރ. މުސްތަފާ ލުތުފީއާ ގުޅިފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ރަނިންމޭޓް އިއުލާނު ކުރުމަށްފަހު މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާގައި، ރޭ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ކުޅުދުއްފުއްޓަކީ އެބޭފުޅާއާއި އެބޭފުޅާގެ އާއިލާއާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށާއި މުސްތަފާގެ ތައުލީމީ ދާއިރާގެ މަސައްކަތްތައް ފެށިފައިވަނީ ކުޅުދުއްފުށިން ކަމަށެވެ. އަދި އެބޭފުޅާގެ ތައުލީމީ ދާއިރާ އެހާ ކާމިޔާބު މަސައްކަތަކަށް ވެފައިވަނީ ކުޅުދުއްފުށީ ރައްޔިތުން އެބޭފުޅާއަށް ދެއްވި ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
“އަޅުގަނޑުގެ ތައުލީމީ ދާއިރާގަ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކުޅުދުއްފުއްޓަކީ.” ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ފުރަތަމަ ހެޑްމާސްޓަރުކަން ކުރެއްވި މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ބަޣާވާތް ކުރަން ނުޖެހޭ ކަމަށާއި ވެރިކަން ބޭނުންނަމަ ފަސް އަހަރުގެ ޓާރމެއް ނިމުމުން ކޮންމެ މީހަކަށްވެސް އެފުރުސަތު އެބައޮތް ކަމަށެވެ. މުސްތަފާ ވިދާޅުވީ އެފުރުސަތު ރައްޔިތުންނަށް ގެނެސްދިނީ އެމްޑީޕީން ކަމަށާއި އެކަން އެގޮތަށް ކުރީ ބަޣާވާތް ނުކުރުވުމަށް ކަމަށެވެ. އަދި ބަޣާވާތް ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނައުމަށް އެމްޑީޕީން މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް ފެބްރުއަރީ 7، 8 ގައި ނުކުތް މީހުންގެ “ލެއިން” މާލޭގެ މަގުތައް ރޯމާ ދުވާލު ތެންމާލި ކަމަށާއި އެކަން “ބާޣީން” ކުރިކަމަށެވެ.
ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރަނިންމޭޓް ވިދާޅުވީ އެދުވަހަކީ އެމްޑީޕީގެ މެމްބަރުން ޗިސްޗިސްކޮށް މުގުރާ، އަސޭމިރުސް ޖަހާ، ތަޅާ ސުންނާފަތިކޮށް ރާއްޖޭގެ ތާރީޚުގައި ހިތާމަވެރި ޞަފްހާއެއް ލިޔެވުނު ދުވަހެއް ކަމަށެވެ. އެހެންނަމަވެސް މިއަދު ނުކުމެ މިތިބީ “އެއްބުރުން” ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި ކުޅުދުއްފުށިން އެއްބުރުން އެކަން ކާމިޔާބު ކުރާނެ ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.