ކަރަންޓަށް ކުރާ ހަރަދުގެ މިންވަރު މަދު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ފަހި އަލި ޕްރޮޖެކްޓުގެ ދަށުން ދަށުން ކުޅުދުއްފުށީ ބަނދަރުގައި ވެސް، ކަރަންޓު ހަރަދު ކުޑަ ލައިޓު ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވެއްޖެ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބުރާހިމް ރަމީޒު ވިދާޅުވީ ފަހި އަލި ޕްރޮޖެކްޓުގެ ތެރެއިން ކުޅުދުއްފުއްޓަށް އެނާޖީ އެފިޝަންޓް 40 ވަރަކަށް ހާބަރު ލައިޓް ލިބޭނެ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދު ގައި އާ ލައިޓުތައް ހަރުކުރެވޭނެ ކަމަށެވެ.
“ފަހި އަލި ފްރޮގުރާމްގެ ދަށުން ކުޅުދުއްފުއްޓަށް ގާތްގަނޑަކަށް 40 ހަކަށް ލައިޓު ލިބޭނެ. ސީދާ ކިތަށް ލައިޓުތޯ ލިބޭނީ މިވަގުތު ދަަންނަވަން ދަތި” މާލޭގައި ހުންނަވައިގެން ފޯނުން ދިން އިންޓަވިއުއެއްގައި ރަމީޒު ވިދާޅުވި އެވެ.
ރަމީޒު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ މަގުތަކުގައި ޖަހާފައި ހުރި ލައިޓުތައް ވެސް، އެނާޖީ އެފިޝަންޓް ލައިޓުތަކަށް ބަދަލު ކުރެވޭތޯ އެންވަޔަރުމެންޓް މިނިސްޓްރީއާ ވާހަކަ ދައްކަމުން ދާ އަންނަ ކަމަށެވެ. މިހާރު ހުރި މަގުބައްތިތަކުގެ ބަދަލުގައި ތިމާވެއްޓާ ރަހުމަތްތެރި ބައްތިތަކެއް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެ އުއްމީދު ކުރައްވާ ކަމަށް ވެސް ރަމީޒު ވިދާޅުވި އެވެ.
ރޭ އިފްތިތާހު ކުރެވުނު ފަހިއަލި ފްރޮގުރާމުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއް ހިމެނޭ ގޮތަށް 200 އެނާޖީ އެފިޝަންޓް ހާބަރު ލައިޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން މާލެ، ތިނަދޫ، ފުވައްމުލަށް އަދި އައްޑޫސިޓީގެ ހިތަދޫ އެވެ.
މީގެ 200 ލައިޓު ހަރުކޮށްގެން، ލައިޓް ދިއްލުމަށް އަހަރަކު ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 870000ރ. ސަލާމަތް ކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.