އެމްޑީޕީ އާއި ޕީޕީއެމް ގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހު ޒަހަމް ވެއްޖެ އެވެ.
މިއަދު ހިނގި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ އެމްޑީޕީ ސަޕޯޓަރުންތަކެއް ހދ. ކުރިނބީ ބަނދަރުގައި މިދިޔަ ބުދަ ދުވަހުގެ ފަތިހު ރީނދޫ ކުލަ ލާފައިވަނިކޮށް، އެ ރަށު ޕީޕީއެމްގެ ކެމްޕެއިން ޓީމުން ބަނދަރުގައި ކުލަ ބަދަލުކުރަން އުޅޭ ކަމަށް ހީކޮށް ދެބައި މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ގައެވެ.
ކައުންސިލްގެ ރައީސް އަފްރާހް ވިދާޅުވީ ރޭ ފަތިހު ތިނެއް ޖެހިއިރު ބަނދަރު ސަރައްހަދުގައި ޕީޕީއެމްގެ ސަޕޯޓަރުން ތަކެއް ގެންގުޅުނު ކުލަ ހުސްކުރި ޓައްޕު ތަކެއް ހުރެގެން، ބަނދަރުގައި ޕީޕީއެމްގެ ކުލަ ލާކަމަށް ހީކޮށް، އެމްޑީޕީގެ ސަޕޯޓަރުން ތަކެއް އައިސް ބަލާ ނުލާ ހަޑިހުތުރު ބަހުން ހަޅޭއް ލަވާ އަޑުގަދަކޮށް ގަޔަށް އަތްލާ މާރާމާރީ ހިންގީ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑެތި އަނިޔާ ތަކެއް ލިބިފައި ނުވިނަމަވެސް އެކި ވަރުގެ ކުދި އަނިޔާ ލިބިފައިވާކަމަށެވެ. އަދި މިހަމަނުޖެހުން ތަކުގައި ދެފަރާތުގެ ސަޕޯޓަރުންނަށް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށެވެ.
ކުރިނބީ ކައުންސިލަކީ ޕީޕީއެމް ގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.