ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ސަޕޯޓަރުން ތަކެއް ނިކުމެ ވައިކަރަދޫ ކައުންސިލްގެ ބޭރު ފާރުގައި ރަތް ކުލަ ލައިފި އެވެ.
ވައިކަރަދޫ ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލް އިދާރާގެ ބޭރު ފާރުގައި ރަތް ކުލަ ލީ ބުދަ ދުވަހުގެ މެންދުރު ޖޭޕީ އާއި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ފަސްވަރަކަށް މީހުންގެ ގުރޫޕަކުން ކަމަށެވެ. އަދި ކައުންސިލް އިދާރާގައި ކުލަ ލައިފާވަނީ ޖުމްހޫރީ ޕާޓީގެ ވައިކަރަދޫ ގޮފީގެ ރައީސް އަލީ މުހުތާރު އިސްކޮށް ހުންނަވައިގެން ކަމަށެވެ.
މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ވައިކަރަދޫ ގޮފީގެ ރައީސް އަލީ މުހުތާރު އަށް މިނޫހުން ގުޅާލުމުން ވިދާޅުވީ ތިކަމާއި ބެހޭ ގޮތުން އެއްްޗެއް ދަންނަވަން ބޭނުން ނުވާކަމަށެވެ. ވައިކަރަދޫގައި ކުލަލުމުގެ ފޯރި ގަދަވެފައި މިވަނީ ކުރީގެ ރައީސް ނަޝީދު މިދިޔަ ބުދަ ދުވަހު ވައިކަރަދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް، އެރޭ އެމްޑީޕީގެ ސަޕޯތަރުން ތަކެއް ނިކުމެ އެރަށު ރަސްމީފާލަމް ގައި ރީނދޫ ކުލަ ލުމުގެ ސަބަބުންނެވެ.