އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 50 މިލިއަން ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.
މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ފައިދާއިން މޫނުމަތީ އަގު 50 ރުފިޔާގެ ޙިއްސާއަކަށް 9.29 ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިކަން ބޭންކުން އިއްޔެ ވަނީ އާއްމުކޮށްފަ އެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ބީއެމްއެލް އިން ފައިދާ ބަހާ ފުރަތަމަ ފަހަރެވެ.
2013 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ބޭންކް އޮފް މޯލްޑިވްސް ގެ ސާފު ފައިދާ ގެ ގޮތުގައި 527 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން މިއަހަރުގެ މިހާތަނަށް ހޯދި އެންމެ ބޮޑު ސާފު ފައިދާއެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ އަޅާބަލާއިރު %74 ގެ ކުރިއެރުމަކާ އެކު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ހިންގުމުގެ ފައިދާވަނީ 457 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ޖުމްލަ އިންޓަރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2012 ގެ ފުރަތަމަ 6 މަސްދުވަހު ލިބުނު 247 މިލިއަން ރުފިޔާއިން 275 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11 ގެ ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޙިއްސާދާރުންގެ ފައިސާ ވަނީ %119 އިތުރުވެފައެވެ. ބޭންކުގެ ޖުމްލަ އެސެޓްވަނީ 9.8 ބިލިއަން ރުފިޔާއިން 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ބޭންކުން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ބުނާގޮތުން “ޙިއްސާދާރުންނަށް ފައިދާ ބަހަން ފެށުމާއެކު ބޭންކަށް ފައިސާ ނުދައްކާ ލޯނުތަކުގެ ސަބަބުން 2009 ވަނަ އަހަރުން ފެށިގެން ބޭންކަށް ކުރިމަތިވި ގޮންޖެހުންތަކުން ވަނީ އަރައިގަނެވިފަ” އެވެ.
މި ލިބުނު ބޮޑު ކުރިއެރުމާއެކު ބޭންކުން ނިންމާފައިވަނީ ދެވަނަ ކުއާޓަރުގެ ފައިދާ، އުފެއްދުންތެރި ނޫން ލޯނުތަކަށް ޕްރޮވިޝަންގެ ގޮތުގައި ބަހައްޓައި ކުންފުނީގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަ ކުރުމަށެވެ. މި ކުއާޓަރުގައި އުފެއްދުންތެރި ނޫން ލޯނުގެ ގޮތުގައި ބޮޑު ލޯނެއް އިތުރުވެފައި ނެތްނަމަވެސް، ޕްރޮވިޝަން ހަދަން ނިންމީ ރެގިއުލޭޓްރީ މިންގަޑުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރުމުގެ ގޮތުންނެވެ. މިނިންމުމާއެކުވެސް ބޭންކުގެ ފުރަތަމަ 6 މަސްދުވަހުގެ ސާފު ފައިދާވަނީ 527 މިލިއަން ރުފިޔާއަށް އަރާފައެވެ.
“ހިއްސާދާރުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ޙިއްސާދާރުންނަށް ފައިދާ ބަހަން ފެށޭކަމީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. ވަރަށް ރަނގަޅު މާލީ ނަތީޖާނެރުމާއެކު މަރުކަޒީ ބޭންކުގެ މިންގަނޑަށް ފުރިހަމައަށް ފެތޭގޮތަށް ކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށް ބޭންކުން އިތުރު ސަމާލުކަމެއް ދީފައިވާކަން މި ފުރުސަތުގައި ފާހަގަކުރަން.” ބޭންކުގެ އެމްޑީ އަދި ސީއީއޯ ޕީޓަރ ހޯޓަން ވިދާޅުވި އެވެ. “މުސްތަޤްބަލުގައި ކުންފުނީގެ ފައިދާ އާއި ފައިދާގެ ގޮތުގައި ޙިއްސާދާރުންނަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ފައިދާގެ ގޮތުގައި ޙިއްސާއަކަށް 9.29 ރުފިޔާ ބެހޭކަމީ، އަހަރު ނިމޭއިރު މުޅި އަހަރުގެ ފައިދާއަށް ޙިއްސާއަކަށް ފަހުގެ ތާރީޚެއްގައި ނުލިބޭ އަދަދެއް ލިބޭނެކަން ރަމްޒުކޮށްދޭ ކަމެއް.”
ފަހަކަށްއައިސް ބޭންކުންވަނީ އާމްދަނީ އާއި ހިންގުމުގެ ފައިދާ ރެކޯޑް މިންވަރަކަށް އިތުރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 2012 ވަނަ އަހަރު ކުންފުންޏަށް ވަނީ ފައިދާވާން ފަށާފައެވެ.