ކުޅުދުއްފުށީ ގެއަކުން ވައްކަން ކުރި މީހެއްގެ މައްޗަށް 3 އަހަރާއި 6 މަހަށް ޖަލަލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އިއްޔެ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި 3 އަހަރާއި 6 މަހަށް ޖަލަލުމަށް ހުކުމް ކޮށްފައިވަނީ ކުޅުދުއްފުށީ، ޖަވާހިރުމާގެ އަހުމަދު މުހައްމަދު (25އ)ގެ މައްޗަށެވެ. މީނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ، މީހުން ދިރިއުޅޭ ގެއެއް ހަލާކު ކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ވުމާ ގުޅިގެންނެނެވެ.
މީނާ ވައްކަން ކޮށްފައިވާނީ ކުޅުދުއްފުށީ “ގަނޑުވަރުގެ” ހަލާކުކޮށް ލައިގެން މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެވެ.
މީގެ ކުރިން ވެސް މީނާގެ މައްޗަށް ވަނީ ވައްކަން ކުރުމުގެ ކުށުގައި 8 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި މީނާގެ ކޮއްކޮ އަލީ މުހައްމަދުގެ މައްޗަށް ވެސް ހަމަ ވައްކަމުގެ މައްސަލަ އެއްގައި ދައުވާ ކޮށްދިނުމަށް މިމަހުގެ ތެރޭގައި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.