މަތީ ސާނަވީ ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮތް ކޮންމެ މީހަކަށް ވެސް ވަޒީފާ ލިބޭނެ މަގު ހަމަޖައްސައިދެއްވާނެ ކަމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ “ގައުމައިގެން ކުރިއަށް” ކޯލިޝަންގެ އިގުތިސާދީ ސިޔާސަތު ހާމަކުރުމަށް ނަސަންދުރާގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދު ރަނގަޅަށް ބައްޓަން ކުރެވޭނީ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް، އަދި ވަޒީފާ ނުލިބި ތިބި މީހުންނަށް މާލީ އެހީއެއް (އަންއެމްޕްލޯއިމަންޓް ބެނިފިނެޓެއް) ދީގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އަދި އެކަންކަން ކުރެވެން އަންނަނީ އިގްތިސާދު ފުޅާކޮށްގެން ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ އިން ދައުލަތަށް ލިބޭ ޓެކްސްގެ ތެރެއިން މަދުވެގެން ފަސް ޕަސެންޓް، ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހޭދަ ކުރައްވާނެ ކަމަށާއި އަދި އެއީ ގިނަ ވަޒީފާތަކެއް ވެސް އުފެދޭ ސިނާއަތަކަށް ވާއިރު ރާއްޖޭގައި ޓޫރިޒަމް ބެހިފައިވަނީ ހަމަހަމަކޮށް ނޫން ކަމަށްެވެ. އަދި ބައެއް އަތޮޅުތަކުގައި އެއްވެސް ވަރަކަށް ރިސޯޓްތައް ނެތްކަންވެސް ރައީސް ވަހީދު ފާހަގަ ކުރެއްވި އެވެ.
ވަހީދު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 12 ޕަސެންޓުގައި ކަމަށް ވިޔަސް މިއަހަރު އެ އަދަދު ހަ ޕަސެންޓަށް ދަށްވާނެކަމަށެވެ. އަދި ބަޖެޓް ޑެފިސިޓް އަންނަ އަހަރު ތިން ޕަސެންޓަށް ދަށް ކުރުމަށް ގަސްދު ކުރައްވާ ކަމަށާއި އެގޮތަށް މަސައްކަތް ކޮށްފިނަމަ ފަސް އަހަރުގެ ދައުރެއް ނިމޭއިރު ދައުލަތުގެ ބަޖެޓަކީ ކުރަންޖެހޭ ޚަރަދަށް ވުރެ ލިބޭ އާމްދަނީ އިތުރުވާނެ ބަޖެޓަކަށް ވާނެކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެކްސްޕޯޓް ޕްރޮމޯޝަން ބޯޑުގެ ނަމުގައި ވަކި ތަނެއް އުފައްދައި ރާއްޖެ އިން ބޭރަށް ތަކެތި އެކްސްޕޯޓް ކުރާ ފަރާތްތަކަށް މާކެޓް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރޭގެ ޖަލްދާގައި ރައީސް ވިދާޅުވިއެވެ.