ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރެއްގައި، ތަރައްގީގެ މަރުކަޒަކަށް ކުޅުދުއްފުށި ހަދާނެ ކަމަށް އެޕާޓީގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ހދ ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ތަރައްގީގެ މަރުކަޒަކަށް ކުޅުދުއްފުށީ ހައްދަވައި ދެއްވާނެ ކަމަށާއި މިހާރު ކުޅުދުއްފުށީގެ ގެ ތަކުން ނަރުދަމާ އަށް ނަގާ ފީއަށް ލުއިކަމެއް ގެނެސް ދެއްވާނެ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ބަޖެޓަކީ ދަރަނި ބަޖެޓެއް ކަމުން، އެޕާޓީގެ ވެރިކަމުގެ ފުރަތަމަ 2 އަހަރު ދުވަސް ތެރޭގައި ދަރަނިން އަރާ 3 ވަނަ އަހަރުގެ ތެރޭގައި އަރަނި ބަޖެޓެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އަދި އެޕާޓީގެ ސިޔާސަތުތަކުގެ ތެރޭގައި ވަޒީފާއަށް ނުދެވޭ އަންހެނުންނަން ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަ ޖައްސާދެއްވާނެ ކަމަށާއި ހަމައެގޮތުން ވަޒީފާ އަށް އަންހެނުން ފޮނުވުމަށް ބާރު އެޅުވުމުގެ ގޮތުން ދަރިން ބަލަހައްޓާދޭނެ ތަންތަން ގާއިމުކޮށް، އެފަދަ ތަންތަނަން ސަބްސިޑީ ދީގެން ނަމަވެސް ހިންގާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.
ޕީޕީއެމް ރަނިންމޭޓް ވިދާޅުވީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އަހުލާގިއްޔާތުގެ މައްޗަށް އެފާޓީގެ ވެރިކަމެއްގައި ބިނާ ކުރައްވައި ދެއްވާނެ ކަމަށާއި އެގޮތުން ގުރޭޑް 1 އިން 10 އަށް އިސްލާމް މާއްދާ އަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖައްސާ ދެއްވާނެ ކަމަށެވެ. އަދި ހަމައެއާއެކު ޕީޕީއެމްގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަން ކީރިތި ގުރުއާނުގެ ތައުލީމު އުގެނުމުގެ އިންތިޒާމު ހަމަޖައްސާ ދޭނެ ކަމަށެވެ. އޭގެ އިތުރުން މުދައްރިސުންނަކީ ފުދިގެން އުޅޭ ބަޔަކަ ހައްދަވައި ދެއްވާނެ ކަމަށާއި އެޕާޓިގެ ވެރިކަމެއްގައި މުއްދަރިސުނަކީ އެންމެ ރަގަޅު މުސާރައެއް ހިނގާ ބަޔަކަށް ވާނެ ކަމަށެވެ.
ކުޅުދުއްފުށީ “ދިހާރަ”ގޭގައި ހުޅުވި ޕީޕީއެމްގެ ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު އެޕާޓީގެ ރަނިންމޭޓް ޑރ. ޖަމީލް ދެއްކެވި ވާހަކައިގައި ވިދާޅުވީ އެޕާޓީގެ ވެރިކަމެއްގައި ކޮންމެ އާއިލާ އަކަށް ޑޮކްޓަރަކު ބަހައްޓަވާ ދެއްވާނެ ކަމަށާއި އެނިޒާމުގެ ތެރެއިން ހިލޭ ކޮންމެ މީހަކަށް ވެސް ބޭސް ކުރެވޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި މިފަހަރު މިބާއްވާ ރިޔާސީ އިންތިހާބުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ޕީޕީއެމް ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
މިޖަލްސާ ގައި ޖަމީލް ވަނީ ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަމުގެ އިޤްތިޞާދީ ސިޔާސާތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބުރާހިމަށް ވެސް ނުސީދާ ކޮށް ޖަމީލު ފާޑު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ތިބި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައި ވެއެވެ. މިޖަގަހަ ހެދުމަށް 30 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.