މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން ހދ އަތޮޅު ކައުންސިލް މެމްބަރުންނާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މަޝްވަރާކުރުމަށް ބައްދަލުމެއް ބާއްވައިފި އެވެ.
ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭގޮތުގައި، މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅިގެން އަތޮޅު ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާއި އަދި އިންތިހާބަށްޓަކައި އެ ކައުންސިލުން ކުރަން ހުރި މަސައްކަތްތަކާއި އެމަސައްކަތްތައް ކުރުމުގައި ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމަކީ ކޮބައިތޯ މަޝްވަރާ ކޮށްފައިވާނެ ކަމަށް މައުލޫމާތު ދެއެވެ.
މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބު އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބަށް ކުރިމަތި ލާފައިވާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ހޯދައިދީ، ކެމްޕެއިން ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން ވެސް މި ބައްދަލުކުރުމުގައި މަޝްވަރާ ކުރެވިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރުވެސް ކެމްޕެއިން ކުރުމުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތައް ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލްތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ހދ. އަތޮޅު ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުން ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު އާއި ހދ. އެޓޯލް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު ގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ޕޮލިސް ސްޓާފް ސަރޖަންޓް ޢަލީ ރަޝީދެވެ. ހދ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް ހުސައިން ރަޝީދާއި ކައުންސިލް މެމްބަރު އާދަމް ވަހީދާއި، އަލީ މުހައްމަދުގެ އިތުރުން މުހައްމަދު ޝުކޫރެވެ.