އެސްޓީއޯ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި 8 ޓީމު ބައިވެރިވެފައިވާ ކަމަށް އެސެންޓަރުން ހާމަކޮށްފި އެވެ.
މިގޮތުން މި މުބާރާތުގައި ދިރާގު ކުޅުދުއްފުށީ ބުރާންޗުންނާއި، ބޭންކު އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބުރާންޗުންނާއި، ކަސްޓަމްސް، ޕޮލިސް، ހދ އަތޮޅު ކައުންސިލް ގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒާއި މިތުރު އަދި އާޕޮއިންޓު ކޮމްޕެނީ އިން ވަނީ ބައިވެރިވެފައެވެ.
އެސެންޓަރުން މިއަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މި މަސް ރޭހަކީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ވާދައަށް މަސް ބޭނުމުގެ މުބާރާތެކެވެ.
ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އާއި 4:30 އާ ދެމެދު ފުރައިގެން، މަސް ބޭނުމަށް ހަމަޖެހިފައިވާ މި ރޭހުގެ ޓީމުތައް މުބާރާތް ނިންމާ ރިޕޯޓު ކުރުމަށް ހަމަޖެހިފައިވަނީ އެރޭ 9:00 އާއި 9:30 އާ ދެމެދުގައެވެ.
ވާދައަށް މަސްބޭނުމުގެ މި މުބާރާތުގައި އެއްވަނަ ޓީމު ހޮވާނީ ކޮންމެ ޓީމަކުން ބޭނި މަސްތައް ކިރުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމަށް ކަމަށާއި އެޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އަދި ދެވަނަ އަށްދާ ޓީމަކަށް 3000 ރުފިޔާ ލިބޭއިރު އެންމެ ގިނަ މަސް ބާނާ މަސްވެރިޔާ އަށާއި އެންމެ ބަރު މަސް ބާނާ މަސްވެރިޔާއަށް ފިލިޕްސް ގްރިލަރއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސެންޓަރުން މައުލޫމާތުދެއެވެ.
މަސްރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ހިމެނޭނީ 5 އާއި 10 ދެމެދުގެ އަދަދެއްގެ މެމްބަރުންނެވެ.