ގައުމައިގެން ކުރިއަށް ކޯލިޝަނުން ހދ ކުޅުދުއްފުށީގައި ޒުވާނުނަށް ހާއްސަ ޖަގަހައެއް ހުޅުވައިފި އެވެ.
މިރޭ 10 ޖެހިއިރު މިޖަގަހަ ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސެއިން އެވެ. ޖަގަހަ ހުޅުވައިދެއްވުމަށްފަހު މެޑަމް އިލްހާމް ވިދާޅުވީ ޒުވާނުންނަށް ހާއްސަ ކޮށް މިފަދަ ޖަގަހަ އެއް ހުޅުވުމުން އުފާ ކުރައްވާ ކަމަށެވެ.
ކުޅުދުއްފުށީ ނޫރަލީގޭގައި ހުޅުވި ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދުގެ ރަނިންމޭޓް ތަސްމީނު އަލީގެ އަބިނކަނބަލުން ވިސާމް އަލީ ވިދާޅުވީ ރާއްޖޭގެ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ގާބިލް ކަން ރައީސް ވަހީދުގެ ވެރިކަމުގެ ކުރު މުއްދަތުގައި ދައްކަވައިދީފައި ވާކަމަށެވެ.
މިހަފްލާގައި ކުޅުދުއްފުށީ މިއުޒިކް ގުރޫޕެއް ކަމަށްވާ ޑީއެލްޑީ ވަނީ އެ ކޯލިޝަންގެ ކެމްޕެއިން ލަވަ ރިލީޒް ކޮށްފަ އެވެ. މިޖަލްސާގައި ޖެންޑަރ މިނިސްޓަރ ޑރ އާމާލު އަލީ އާއި ތިމާވެއްޓާބެހޭ ވުޒާރާގެ މިނިސްޓަރ މަރިޔަމް ޝަކީލާ އަދި ޖައުސާ ޖައުފަރު ބައިވެރިވެލެއްވި އެވެ.
މެޑަމް އިލްހާމް އިސްކޮށް ހުންނަވައިގެން ގައުމައިގެން ކުރިއަށް ކޯލިޝަންގެ ފަރާތުން މިއަދު ވަނީ ޑޯޓުޑޯ ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ.