ރޯދަމަހަށް ހާއްސަކޮށްގެން އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ވެބްސައިޓެއް ކަމަށްވާ ރޯދަ ޑޮޓްކޮމް އިން، ބިޑު ކޮށްގެން އަގުބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރޯދަ ޑޮޓްކޮމް ހިންގަމުން އަންނަ ޓީމުގެ ފަރާތުން މައުލޫމާތު ދެއްވަމުން ޕޮރޮޑަކްޓް ޑައިރެކްޓަރ އަމީން ޝަފީއު ވިދާޅުވީ، އެ ވެބްސައިޓުން ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ތަފާތު އައިޓަމް ތަކަށް ބިޑު ކުރެވެން ހުންނާނެ ކަމަށާއި އޭގެ ތެރެއިން އެންމެ ހާއްސަ ބިޑުގެ އިނާމަކަށް ލިބެނީ ހިލޭ އެއް އަހަރު ދުވަހަށް އެންމެ ފެންވަރު ރަނގަޅު ދެކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއް ކަމަށެވެ.
“މިއީ އަޅުގަނޑުމެން ފާއިތުވި ރޯދަމަސް ތަކުގަވެސް ވަރަށް ކާމިޔާބު ކަމާއެކު ހިންގި ޕްރޮމޯޝަނެއް. އަޅުގަނޑުމެން މިޕްރޮމޯޝަނަށް މިކިޔަނީ އެންމެ އަގުއެޔޮ ނީލަން ގޮވުން. އެގޮތުން މިފަހަރުވެސް އެބަ ކުރިއަށް ގެންދަން ތަފާތު ގިނަ އިނާމު ތަކެއް ލިބޭ ބިޑުތަކެއް.” އަމީން ވިދާޅުވި އެވެ. “މީގެ ތެރޭގައި ހުންނާނެ ކޮންމެ ދުވަހަކު އިނާމު ލިބޭ ބިޑުތަކާއި، ދެދުވަހުން ލިބޭ އިނާމުތަކާއި އެއް މަސްދުވަހަށް ކުރިއަށްގެންދާ ބިޑެއް ވެސް”
“ބިޑް ކުރުމަށް އެ ބިޑެއްގެ ކީވޯޑް ޖައްސަވާފަ ހުސްތަންކޮޅެއް ދޫކޮށް ބިޑް ކުރާ އަދަދެއް ޖަހަން ޖެހޭނީ. ދެން 424 އަށް ހުރިހާ އެސްއެމްއެސްތަކެއްވެސް ފޮނުއްވަމުންދާނީ. ބިޑުކުރާ ފަރާތްތަކާއި އެވަގުތެއްގައި ބިޑު ވިން ކޮށްފަ އިންނަ ފަރާތެއް ވަގުތުން ފެންނަމުންދާނެ ވެބްސައިޓުން. ހަމަ އެއާއެކު ފޮނުވާ ކޮންމެ މެސެޖަކަށް ރިޕްލައި ލިބެމުންދާނެ” އަމީން ވިދާޅުވި އެވެ.
މިއީ ތަފާތު ގޮތަކަށް ކުރިއަށްދާ ބިޑެކެވެ. އެންމެ ކުޑައަދަދު ފޮނުވާ ފަރާތް ކާމިޔާބު ވާނެއެވެ. އެހެނަސް އެނަމްބަރު އެހެންފަރާތަކުން ފޮނުވާފައި ވާނަމަ ދެން ކާމިޔާބު ކުރާނީ ދެވަނައަށް އެންމެ ކުޑަ އަދަދެވެ. މިސާލަކަށް 0.01 ދެމީހަކު ފޮނުވީއެވެ. އަދި އެހެން މީހަކު 0.02 ފޮނުވައިފިނަމަ ކާމިޔާބު ވާފަރާތަކީ 0.02 ފޮނުވި ފަރާތެވެ. ސަބަބަކީ އެންމެ ލޮވެސްޓް ޔުނިކް ބިޑަކަށް މިހާލަތުގައި ވާނީ 0.02 ކަމަށް ވިތީއެވެ.
ރޯދަ ޑޮޓްކޮމްގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އެވެބްސައިޓުގައި ހިމެނޭ ބިޑްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ދިރާގުގެ ނަމްބަރުތަކުންނެވެ. އަދި ވަތަނިއްޔާގެ ނަމްބަރުތައް ގެންގުޅުއްވާ ރޯދަޑޮޓްކޮމްގެ ކަސްޓަމަރުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދޭކަމަށް އެފަރާތުން ހާމަކުރެއެވެ.