ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑިއުޓީކުރާ މުވައްޒަފުންގެ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން ހިދުމަތް ހޯދާ ރައްޔިތުންނަށް އެތަކެއް އުދަނގޫތަކެއް ކުރިމަތިވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ ސަރކިއުލާއަކުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑިއުޓީކުރާ މުވައްޒަފުންގެ ޑިއުޓީ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން ކުރިން 7:45 ގައި ދޫކުރަމުން ދިޔަ ނަންބަރު މިއަދު ދޫކޮށްފައި ވަނީ 9:30 ގައެވެ. އަދި ޑޮކްޓަރު ބަލާ ގަޑިއަށް ވެސް ވަނީ 10 ޖަހާއިރަށް ލަސްކޮށްފަ އެވެ. އަދި ލެބޯޓަރީގެ ހިދުމަތް ފަށާ ގަޑި 9:15 އަށްވަނީ ލަސްކޮށްފަ އެވެ. ހަމައެހެންމެ ނަތީޖާ ދޫކުރާ ގަޑި ވެސް 3:30 އަށް ލަސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ހޮސްޕިޓަލަށް މިއަދު ހިދުމަތް ހޯދުމަތް ދިޔަ ނޮޅިވަރަމް މީހަކު ބުނީ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަން އެނގުނީވެސް ހޮސްޕިޓަލަށް ދިޔަފަހުން ކަމަށާއި ޑޮކްޓަރަށް ދައްކާފައި ރަށްށަށް ދެވޭ އިރު ހުންނާނީ ރޭގަނޑު ވެފައި ކަމަށް އެމީހާ ބުންޏެވެ.
“މިތާ (ކުޅުދުއްފުށީގައި) ހުންނަންވީ މުޅި ދުވަހު. ފެރީ ފުރާނެ 2 ޖަހާއިރު. އަދިވެސް ޑޮކްޓަރަކަށް ނުދެއްކޭ. އަނެއްކާ ކުއްޔަށް ތަނެއް ހިފައިގެން ހުންނަވީމަ އިތުރު ފައިސާ ތަކެއް ދާނެ” ހިތްހަމަ ނުޖެހިފައި ހުރެ އެމީހާ ބުންޏެވެ.
ހޮސްޕިޓަލް ހިދުމަތް ހޯދަން ދިޔަ މީހުން ބުނީ ކުއްލި މި ބަދަލާ ގުޅިގެން ކުޅުދުއްފުށީގައި ބޮޑު ކުލި ދައްކައިގެން 2 ދުވަހު ހުންނަޖެހޭ ކަމަށާއި ފެރީތައް އާންމުކޮށް 2 ޖަހާއިރު ފުރާ ކަމަށެވެ. އަދި އަތޮޅު ތެރެއިން ޑޮކްޓަރަށް ދައްކަން އަންނަ ނިކަމެތި ރައްޔިތު މީހާއަށް އިތުރު ތަކުލީފެއް މިކަމުގެ ސަބަބުން އުފުލަން ޖެހިފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ.
ގަޑިތަކަށް ގެނައި ބަދަލާގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
ހޮނިހިރު ދުވަހަކީ އުތުރުގެ ތިން އަތޮޅުން ގިނަ އަދަދެއްގެ ރައްޔިތުން ތަފާތު ބޭނުން ތަކަށް ކުޅުދުއްފުއްޓަށް އަންނަ ދުވަހެއް ކަމުން މިއަދު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ ގިނަ ބަޔަކު ވަނީ ފެރީތައް ފުރާތީ ހިދުމަތް ނުހޯދައި އެނބުރި ރަށަށް ގޮސްފަ އެވެ.