ކުޅުދުއްފުށީ އަމީނީމަގުގައި އަޅަން ބޭނުންވާ 1200 ފީފާ ތާރު ގެނެސްފި އެވެ.
ކުޅުދުއްފުށީ އެމްއާރުޑީސީގެ ސައިޓް މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ 1200 ފީފާ ތާރު ހިފައިގެން ބޯޓެއް އައިސްފައިވާ ކަމަށާއި ހުރިހާ ތާރު އަދި ނުބޭލޭ ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރު މިގެނައި ތާރުން ކުޅުދުއްފުށި އަމީނީމަގުގައި އެޅުމަށްފަހު އިތުރުވެސް ވާނެ ކަމަށެވެ.
ތާރުގެ އިތުރުން މަގު ހެދުމަށް ބޭނުންވާ ހިލަ ވެސް މިބޯޓުން ގެނެސްފައިވާ ކަމަށާއި މިހާރު އަމީނީމަގު ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ކުޅުދުއްފުއްޓަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އަމީނީމަގުގައި ތާރު އަޅަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނީމަގުގައި އެޅުމަށް ޖޫން މަހުގެ ތެރޭގައި ވެސް 200 ޓަނުގެ ތާރު ގެނެސްފައި ވެއެވެ.
ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިދެއްވި މަޝްރޫއެކެވެ.