ޖުމްހޫރީ ޕާޓީގެ ވައިކަރަދޫ ޖަގަހަ ތެރެއަށް ބަޔަކު ވަދެ އެތަނުގެ ތެރޭގައި ތިބި މީހުން ގަޔަށް އަތްލާ މާރާމާރީ ހިންގުމަށް ފަހު ޖަގަހައިގައި ހުރި ތަކެއްޗަށް ގެއްލުން ދީފިއެވެ.
ރޭ ފަތިހު ހިނގި މި މާރާމާރީގައި ޖޭޕީ ޖަގަހާގައި އެވަގުތު ތިބި މީހުންނަން އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވައިކަރަދޫ ޖޭޕީ ގޮފީގެ ރައީސް އަލީ މުހުތާރު ވިދާޅުވި އެވެ.
“ރޭ ފަތިހު ޖޭޕީ ޖަގަހަގައި އަޅުގަނޑުމެންގެ މެނިފެސްޓޯ ކުރެހުމަށް ތިއްބާ ބަޔަކު އައިސް ހަޑި ހުތުރު ބަހުން ހަޅޭލެވުމަށް ފަހު އަޅުގަނޑުމެން ކުރަހަން ގެންގުޅުނު ދަވާދުތައް ފާރަށް ޖަހާ ހެދި. އެވަރުންވެސް އަޅުގަނޑުމެންގެ އެއްވެސް ކުއްޖަކު އެމީހުންނަކަށް ރައްދެއް ނުދޭ” މުހުތާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެވަގުތު ޖަގަހާގައި މަސައްކަތް ކުރަމުން ދިޔައީ 8 ވަރަކަށް މީހުން ކަމަށާއި ބޭރުން ޖަގަހައަށް ވަދެ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމަށް ފަހު ޖަގަހަ ތެރެއަށް ވަދެގަން ގުރޫޕުގައި ތިބީ 4 ވަރަކަށް މީހުން ކަމަށެވެ. އަދި ޖަގަހަ ތެރެއަށް ވަދެގަންނަން އުޅުމުން އެކަން ހުއްޓުވުމުގެ ތެރޭގައި ޖަގަހާގައި ތިބި މީހުންނަން އަނިޔާ ވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭޕީ ވައިކަރަދޫ ގޮފީގެ ރައީސް މުހުތާރު އިތުރަށް ވިދާޅުވީ އެމީހުން ޖަގަހަ ތެރެއަށް ވަދެގަނެ ޓީވީ އާއި ސްޕީކަރުތައް އަދި ގޮނޑިތައް އުކާފައިވާ ކަމަށާއި ޖަގަހަ ތެރެއަށް ވަދެގަތް ގުރޫޕުގައި އެމްޑިޕީ މެމްބަރެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ އަކީ ހދ އަތޮޅުގައި ސިޔާސީ ހަމަނުޖެހުން ބޮޑު ރަށެއް ކަން ފާހަގަ ކުރެވެއެވެ.