މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ފުލުހުންނާއި ސިފައިންނަން ހަމަލާދީ، ފުލުހުންގެ މަރުކަޒަށާއި ސިފައިންގެ މަރުކަޒަށް ގެއްލުންދިން މައްސަލާގައި ކުޅުދުއްފުށީ ކައުންސިލަރަކާއި އިތުރު 3 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
މިމައްސަލައާ ގުޅިގެން ދައުވާ ކުރުމަށްއެދި ފޮނުވާފައިވަނީ ކުޅުދުއްފުށީ ކައުންސިލަރެއް ކަމުގައިވާ ކުޅުދުއްފުށި، ދަނބުގެ އަހުމަދު އަލީގެ އިތުރުން ކަސްތޫރިގެ، އިބްރާހީމް އަލީ އާއި ނަސްފަރު، މުހައްމަދު ހުސައިން އަދި ތިލައައްސޭރި އިބްރާހީމް އަހުމަދުގެ މައްޗަށެވެ. މި އެންމެންނަކީވެސް ކުޅުދުއްފުށީ މީހުންނެވެ.
ފުލުހުން ބުނީ މިމައްސަލާގައި ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވާފައިވާ 4 މީހުންނަކީ ފެބްރުއަރީ 08 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ، ފުލުހުންނާއި ސިފައިންނަށް އިންޒާރުދީ، ފުލުހުންނާއި ސިފައިންނަށް ގަލާއި ދަގަނޑު ބުރިފަދަ ތަކެތިން ހަމަލަދީ، ފުލުހުންނާއި ސިފައިންގެ މަރުކަޒުތަކަށް ގަލާއި ދަގަނޑުބުރި ފަދަ ތަކެތި އުކާ ދަޢުލަތުގެ މުދަލަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާ މީހުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭގެ އިތުރުން މިމީހުންގެ މައްޗަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ހިސޯރުކުރުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
އަދި މީގެ ތެރެއިން އިބްރާހީމް އަހުމަދާއި އަހުމަދު އަލީ އަކީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމައްޗަށް ޖަމާއަތް ހަދައިގެން ނިކުމެ މުޒާހަރާކޮށް ދައުލަތާއި އާންމުންގެ މުދަލަށް ގެއްލުންދީފައިވާ މައްސަލަތަކުގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ މީހުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އެ ހަތަރު މީހުންގެ ތެރެއިން އިބްރާހީމް އަލީ އަދި މުހައްމަދު ހުސައިން އަލީ މަސްތުވާތަކެއްޗާއި ފޭރުމާއި ވައްކަމުގެ މައްސަލައިގެ ރިކޯޑް އޮންނަ ބައެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފެބްރުއަރީ 8 ގެ ހަމަނުޖެހުންތަކާ ގުޅިގެން މިހާރުވެސް ކުޅުދުއްފުށީގެ ވަރަށް ގިނަ އަދަދެއްގެ މީހުންގެ މައްޗަށް އެކި ދައުވާތައް ވަނީ އުފުލާފައެވެ.