ކުޅުދުއްފުށީގެ މަގު ހަދަން އުޅުއްވާތާ ދެ އަހަރުވެއްޖެ ކަމަށާއި އެހެންނަމަވެސް އެ މަސައްކަތަށް ކުޅުދުއްފުށީ ކައުންސިލުން އެއްބާރުލުން ނުދެއްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދުވަހު ނޫސް “ހަވީރު”ގައި މިއަދު ބުނެފައިވާގޮތުގައި ރައީސުލްޖުމުހޫރިއްޔާ އަދި “ގައުމައިގެން ކުރިއަށް” ކޯލީޝަނުގެ ރިޔާސީ ކެނޑިޑޭޓް ޑރ. ވަހީދު މިހެން ވިދާޅުވީ ނ. މާޅެންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން އެއްބާރުލުން ނުދިންނަމަވެސް ކުޅުދުއްފުށީގެ ރައްޔިތުންގެ އެއްބާރުލުމާއެކު ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އަޅާ ނިންމަވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ކަމަށް ހަވީރު ނޫހުގައި ބުނެފައިވަނީ ރައީސް ވަހީދު ކުޅުދުއްފުއްޓަށް އެތައް ފަހަރަކު ވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް ކައުންސިލުން މަގު ހަދަން ބޭނުންނުވާ ކަމަށެވެ. އަދި އެންމެފަހުން އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެން ސީދާ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ލައްވާ އެކަމަށް ގޮތެއް ނިންމަވައިގެން މިހާރު މަސައްކަތް ކުރިއަށްދާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ނ. މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރަން ބޭނުންނުވާ ކައުންސިލަރުން އުޅޭ ކަމަށާއި އެކަން އެހެން އޮތުމުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ދަތިވާނެ ކަމަށެވެ.
ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށި ފަހުން އެކި ސަބަބުތަކާހުރެ ގިނަ ފަހަރެއްގެ މަތިން މަސައްކަތް ހުއްޓާލާފައި ވެއެވެ. އެމަގު ހެދުމަށް ހަވާލުކޮށްފައިވާ ކުންފުނިން ބުނިގޮތުގައި މަގުގެ މަސައްކަތަށް ބޭނުންވާ ތާރު މިހާރު ހުރީ ކުޅުދުއްފުއްޓަށް ލިބިފައެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީ އަމީނީމަގު ހަދަން ފަށާފައިވަނީ 2011 ވަނަ އަހަރެވެ.