ހދ. މަކުނޫދައިގައި ސިނކުޑީގެ މައްސަލައެއް ހުންނަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅުގެއްގެ ތެރޭގައި ހުއްޓާ ފެނިއްޖެ އެވެ.
މަކުނުދޫ ކައުންސިލަރަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމީހާއަކީ ޖިންނި މޮޔަވާ މީހެއް ކަމަށާއި މީގެ ދެ ރޭ ކުރިންވެސް އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެރަށު މޫދު ކައިރީގައި އޮއްވާ ކަމަށެވެ. މިހާރުވެސް ކައުންސިލްގެ މުވައްޒަފުންނާ ރަށުގެ ގިނަ ބަޔަކު އަމިއްލަ އަށް އިސްނަގައިގެން އޭނާގެ ކަންތައްތައް ބަލަހައްޓަމުން ދާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު 2 ޖަހާއިރު ފެނުނު މީހަކީ ހދ މަކުނުދޫ، ސެންހާއީ ހުސެން ޝަރީފު އެވެ.
މި މީހާއަކީ މަކުނުދޫ މީހަކާ އިނދެގެން އުޅޭ މާލޭ މީހެއް ކަމަށާއި އެހެން ނަމަވެސް މި މީހާގެ އަމިއްލަ ގެއެއް އެރަށުގައި މިހާރު ހުންނަ ކަމަށް މިނޫހަށް މައުލޫމާތު ދިން މަކުނުދޫ މީހާ ބުންޏެވެ. އަދި މީނާގެ ކުޑަ ފިރިހެން ދަރިއަކާއި އަނތްބަކު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
މިނޫހަށް މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވީ އެރަށަކީ މީގެ ކުރިންވެސް ސްކޫލް ކުދިންތަކެއް ޖިންނި މޮޔަވުމުގެ ހާދިސާތަކެއް ހިނގާފައިވާ ރަށެއް ކަމަށާއި އަދި އެކަހަލަ ހަބަރެއް އިވުމުން ސްކޫލު ކުދިން ބިރުގަނެ އިތުރު މައްސަލަތަކެއް ދިމާވެދާނެތީ ކައުންސިލާ އާންމު ރައްޔިތުން އޭނާގެ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށެވެ. އެމީހާ ބަލާނެ ފިރިހެނަކު އެގޭގައި ނުހުންނަ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ފުލުހުން ބުނީ ދެއަތް ބަދެފައި ހުރި މީހަކު މަކުނުދޫ ފަޅުގެއެއްގެ ތެރެއިން ފެނިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މީހާ ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންދިއުމަށް ފަހު މިހާރު ދޫކޮށްލާފަ އެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ އިޝާ ނަމާދަށްފަހު އޭނާގެ ކައިރީގައި ޖިންނީގެ ކިބައިން ސަލާމަތްވުމަށް އަންނަނީ “ކިޔަވަމުން” ނެވެ.