ވާރޭ ވެހުމުގެ ސަބަބުން ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއެއް ކުޅުދުއްފުށީގައި ފެށުމަށް އެންވަޔަރަންމެންޓް މިނިސްޓްރީއާ މާލޭ ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި މަޝްރޫއު ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫގައިވެސް ފެށުމަށް ސަރުކާރާ އެމްޑަބްލިޔުއެސްސީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.
މިމަޝްރޫއުގެ ދަށުން ފެން ބޮޑުނުވާނެ ގޮތަށް ޑްރެއިން ސިސްޓަމެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާއިރު ފުރަތަމަ ފިޔަވަހީގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެން ހިންދާ ނިޒާމެއް ޑިޒައިން ކުރަންޖެހެއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މި ދެ ރަށުގައި ވާރޭވެހިގެން ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ދިރާސާ ކުރެވި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ހިންގާ ބެލެހެއްޓޭނެ ނިޒާމެއް ފަރުމާ ކުރެވޭނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. އެގޮތުން މި ނިޒާމު ފަރުމާކުރުމަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ނިޒާމު ފަރުމާކުރުމަށް 4 މަސްދުވަސް ދީފައިވާއިރު އެމަސައްކަތް ނިމުމާއެކު ކުޅުދުއްފުށީގައި އަދި ތިނަދޫގައިވެސް އަމަލީ މަސައްކަތް ފެށޭނެއެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލްމަތީން މުހައްމަދެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް ޑިރެކްޓަރ މުހައްމަދު ރަޝީދެވެ.
ގްލޯބަލް އެންވަޔަރމެންޓް ފެސިލިޓީގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ނަތީޖާއަށް ބެލުމަށް ފަހު އިތުރު ރަށްރަށުގައިވެސް މިފަދަ ނިޒާމެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ކުޅުދުއްފުއްޓަކީ ވާރޭ ވެހޭ ދުވަސްވަރެއްނަމަ ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ ދަތިކަން ފޯރަމުން އަންނަ ރަށެކެވެ.