އެމްޑީޕީ އަކީ ބާޒާރު ކޮތަޅަށް ދީން އަޅައިގެން ސިޔާސަތުތަކެއް ވިއްކާނެ ބައެއް ނޫން ކަމަށް ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވެއްޖެ އެވެ
ރޭ ނޮޅިވަރަމްގައި އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަން ގެނެސްދޭ ސިޔާސަތުތަކަކީ ރާއްޖެ ތަރައްގީ ކުރާނެ ސިޔާސަތު ތަކެއް ކަމަށާއި އެފާޓީ ރައްޔިތުންނަށް ވިއްކާނީ މެނިފެސްޓޯ ކަމަށެވެ.
“އަޅުގަނޑުމެންނަކީ ބާޒާރު ކޮތަޅަށް ދީން އަޅައިގެން ސިޔާސަތު ވިއްކާނެ ބައެއް ނޫން. އެހެނެއް އަޅުގަނޑުމެން ނެއް ނޫޅޭނަން. އަޅުގަނޑުމެން ރައްޔިތުންނަށް ވިއްކާނީ ތަރައްގީގެ ސިޔާސަތު ތަކެއް. އަޅުގަނޑު މިބުނަނީ އިސްލާމްދީން ނޫން އެހެން ދީނެއް މިތާކު ނޯންނާނެ. އިސްލާމްދީނަކީ ވަކި މީހަކު މިތަނަށް ގެނައި ދީނެއް ނޫން. މިދީން ބާއްވާލެއްވި ފަރާތުން ޤިޔާމަތާއި ހަމައަށް ޖެހެންދެން މި ދީން ރައްކާތެރިކުރާނެ.” ކައުންސިލް މެމްބަރު ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުތުރުގެ ތަރައްގީ އަށް ބޭނުން ޖުމްލަ 25 ޕްރޮޖެކްޓް ރައީސް ނަޝީދު ފައްޓަވައި ދެއްވަން ނިންމަވާފައި ވަނިކޮށް، ގައުމުގައި ބޮޑު ބަޤާވާތެއް ކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް “ބާޣީ” ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއަދު ޔާމީނާ، ޤާސިމާއި ވަހީދު އަކީ ވެސް ބޮޑެތި ބާޣީން ކަމަށާއި ބަޣާވާތް ކުރުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަން ފާހަގަ ކުރައްމުން ޒަކަރިއްޔާ ވިދާޅުވީ ރައީސް ނަޝީދަށް ވޯޓު ލުމަކީ މިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.