ކުރިނބީ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ނަޝްފާ ހޮވައިފި އެވެ.
މިދިޔަ އަހަރު ސްކޫލުގެ ކެޕްޓަންގެ މަގާމުގައި ހުރި ނަޝްފާ އަށް އެ މަގާމު ލިބުނީ ކިޔެވުމާއި އިތުރު ހަރަކާތްތަކާއި އަހުލާގީ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ދަރިވަރަށް ވުމުންނެވެ.ނަޝްފާގެ އިތުރުން މިރަސްމިއްޔާތުގައި މިދިޔަ އަހަރު އިސްލާމް މާއްދާއިން ގުރޭޑް 10ގެ ދެ ދަރިވަރަކު ވަނީ ސަބްޖެކްޓް ޕުރައިޒް ހޯދާފައެވެ.އެއީ އާދަމް ރިޝްވާނު އާއި ހައްވާ ނަޝާ އެވެ.
ކުރިނބީ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް އެ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި7 ގުރޭޑަކުން 29 ދަރިވަރަކު ވަނީ އިނާމު ހޯދާފަ އެވެ. އޭގެ ތެރޭގައި ކްލާސް ޕްރައިޒް އާއި އަހުލާގީ ގޮތުންނާއި އިތުރު ހަރަކާތްތަކުން ފާހަގަ ކޮށްލެވޭ ދަރިވަރުންނަށް އިނާމު ދީފައި ވެ އެވެ.
ރޭ ކުރިނބީ ސްކޫލުގައި ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނސްޓަރ އަލީ ޝަރީފް އަހުމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާން ވިދާޅުވީ ކާމިޔާބަކީ ހިތްވަރާ، އަޒުމާއެކު ގަދަ އަޅާ މަސައްކަތް ކުރާ މީހުންގެ ހައްގެއް ކަމަށެވެ. އަދި ކޮންމެ ދަރިވަރަކުވެސް ރަގަޅު ނަތީޖާ އެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ދަރިވަރުންގެ ކިބައިން ވަނީ އެދިލައްވާފައެވެ. އަޙްލާގީ ރިވެތި ސިފަ ދަރިވަރުންގެ ކިބައިގަ ހަރުލެއްވުމަށް ވެސް ސްޓޭޓް މިނިސްޓަރު ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ
މިރަސްމިއްޔަތުގައި އެޑިއުކޭޝަން މިނިސްޓްރީ ނޮދަން ޒޯނަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕްރިންޓެންޑެންޓް ފަތުހުﷲ މުހައްމަދު ވެސް ބައިވެރިވެޑައިގަތެވެ.އަދި ސްކޫލް ބޯޑުގެ ޗެއާރޕާސަން ހަސަން ހުސެއިނާއި ކައުންސިލް މެމްބަރު ލޫސީ ޙާލިދުގެ އިތުރުން ޕްރިންސިޕަލް މިސްޓަރ ޑޭވިޑް ޕީކޭސް ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި އެވެ.
ގުރޭޑް 1 އިން 10 އަށް ކިޔަވައިދޭ ކުރިނބީ ސްކޫލުގެ 2012 ވަނަ އަހަރު ސްކޫލު ހިގާދިޔަ ގޮތުގެ ރިޕޯޓް އިއްވަވާ ދެއްވީ ލީޑިން ޓީޗަރު ހުސެއިން ނާޒިމެވެ.