ސޯޅަވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ޖަލާލުއްދީން ސްކޫލްގެ އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަން މަރުހަބާ ކިޔުމަށް ޚާއްސަ އެސެމްބްލީއެއް ބާއްވައިފި އެވެ.
އެސްކޫލްގެ ސީނިއަރ ޕްރިފެކްޓުން އިސްނަގައިގެން މިއަދު ހެދުނު ބޭއްވި މި ހާއްސަ އެސެމްބްލީގައި އެސްކޫލްގެ އެތްލެޓިކްސް ޓީމުގައި ހިމެނުނު 16 އެތުލީޓުންނަށް ރިބަން ހަވާލުކޮށްދެއްވީ، އެ ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލް އަލީ އިސްމާޢީލެވެ.
މިއަދުގެ ހާއްސަ އެސެމްބްލީގައި ދަރިވަރުންނާ މުޚާތަބުކޮށް އެ ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލް އަލީ އިސްމާޢީލް ދެއްކެވި ވާހަކަގައި، ކާމިޔާބީ ހާސިލުކުރުމަށް ހުއްޓާނުލައި، ބުރަކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އަދި، މިއަހަރު ޖަލާލުއްދީން ސްކޫލްގެ އެތުލީޓުން ވާދަކުރި ދެމުބާރާތުގައި ހޯދި ކާމިޔާބީ ފާހަގަކޮށް އެތުލީޓުންނަށާއި ކޯޗް މުހައްމަދު ހަސަނަށް މަރުހަބާއާއި ޝުކުރުދެންނެވި އެވެ.
އަލީ އިސްމާއީލް ވިދާޅުވީ ޖަލާލުއްދީން ސްކޫލުގެ ސްޕޯޓްސް ކޯޗް މުހައްމަދު ހަސަނަކީ، އެތުލެޓިކްސްގައި ޖަލާލުއްދީން ސްކޫލް ތަކުރާރުކުރަމުން އަންނަ ކާމިޔާބީގެ މޭސްތިރި ކަމަށެވެ.
މިއަހަރު ޖަލަލުއްދީން ސްކޫލްގެ އެތުލީޓުން ވާދަކޮށްފައިވަނީ، 16 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިތުރުން 18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައެވެ.
މިމަހު 22 އިން 24 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށް ދިޔަ މައިލޯ އިންޓަރ ސްކޫލު އެތުލެޓިކްސް މީޓުގައި ޖަލާލުއްދީން ސްކޫލު ވަނީ ތިން އުމުރުފާއިން ވެސް ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި 37 ރަން މެޑެލްއާއި 6 ރިހި މެޑެލް އަދި 4 ލޯ މެޑެލް ހޯދާފަ އެވެ.
ޖަލާލުއްދީން ސްކޫލުގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލެޓިކްސް ޓީމުވެސް މި މުބާރާތުން ރަން ވަނަ ތަކެއް ވަނީ ހޯދާފައެވެ.