ޕީޕީއެމް އިން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު ޖަލްސާގައި ހދ އަތޮޅު 750 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ރައީސް މުހައްމަދު އަލީ ވިދާޅުވީ ބޮޑު ޖަލްސާއަށް ދިއުމަށްޓަކައި ހދ އަތޮޅުން 750 އަށްވުރެ ގިނަ މީހުން މިހާރު ވެސް ނަން ނޯޓު ކޮށްފައިވާ ކަމަށާއި ޖާގަ އޮތް ވަރަކުން އިތުރު މީހުންނަން ފުރުޞަތު ލިބޭނެ ކަމަށެވެ.
“ފާޅުބޯޓު އިއްޔެ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް އަންނަނިކޮށް ބޯޓަށް މަސައްލައެއް ދިމާވެގެން އަލުން އަނބުރާ މާލެއަށް ވަނީ ވަދެފަ. އެކަމަކު އެބޯޓު މާދަމާ އަތުވެއްޖެނަމަ ކުރިއެކޭ އެއްގޮތަށް އެ ބޯޓު ވެސް މާލެ ދާނެ” މުހައްމަދު ވިދާޅުވި އެވެ.
މިމަހު 30 ވަނަ ދުވަހު މަލޭގައި ބާއްވާ މި ބޮޑު ޖަލްސާގައި އެޕާޓީގެ މެނިފެސްޓޯގެ ހާއްސަބައެއް އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕީޕީއެމް ބޮޑު ޖަލްސާ އަށް ދިއުމަށްޓަކައި ކުޅުދުއްފުށީ 3 ބޯޓެއް ވަނީ ހިފާފައެވެ. އެގޮތުން ބަހާދަރު ބޯޓާއި ފާޅު ބޯޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 7:30 ގަ އެވެ. އަދި ބާދުސާހު ބޯޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ.