ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ ފަރާތުން ނިޕޯން ޕެއިންޓް ހަދާ މެޝިންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓަމުން ދާކަމަށް އެކުންފުނިން ބުނެފި އެވެ.
މިގޮތުން މިހިނގާ އޯގަސްޓް މަހުގެ ތެރޭގައި ގދ. ތިނަދޫގައި ވަނީ ނިޕޯން ޕެއިންޓް ކްރިއޭޝަން މެޝިން އެއް ބަހައްޓާފަ އެވެ. މީގެ ކުރިން އެސްޓީއޯ އިން އަންނަނީ ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރުގައި މި ހިދުމަތް ދެމުންނެވެ.
އެސްޓީއޯއިން 2013 ވަނަ އަހަރު ކުރިއަށް ގެންދާ ނިޕޯން ޕެއިންޓް ކަލަރ ކްރިއޭޝަން މެޝިން އިންސްޓޯލްކުރުމުގެ މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދެމުން ބުނީ ތިނަދޫގެ އިތުރުން އިތުރު ދެ މެޝިނެއް މިއަހަރުގެ ތެރޭގައި ލ. އަތޮޅު ފޮނަދޫ އަދި ޏ. އަތޮޅު ފުވައްމުލަކުގައި ބަހައްޓާނެ އެވެ. އެސްޓީއޯއިން ހާމަކުރާ ގޮތުގައި މިޕްރޮޖެކްޓް ނިމުމުން ރާއްޖޭގައި ޖުމްލަ ހަތް ކަލަރ ކްރިއޭޝަން މެޝިން ތަފާތު 6 (ހަ) ސަރަހައްދެގައި ހުންނާނެ ކަމަށެވެ.
މިވަގުތު ނިޕޯން ކަލަރ ކްރިއޭޝަން މެޝިން ބަހައްޓާފައި ވަނީ މާލެ، ހުޅުމާލެ، އައްޑޫ ސިޓީގެ މަރަދޫ ފޭދޫ، ހ.ދ.ކުޅުދުއްފުށި، އަދި ގދ.ތިނަދޫ ގައެވެ. އެސްޓީއޯގެ ފަރާތުން ނިޕޯން ކަލަރ ކްރިއޭޝަން މެޝިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓުމުގެ މައިގަނޑު މަޤްޞަދަކީ އެސްޓީއޯގެ ކަސްޓަމަރުންނަށް، ފަސޭހަކަމާއެކު ކަސްޓަމަރުން ބޭނުން ކުލައެއް ވަގުތުން ތައްޔާރު ކުރެވޭނެ މަގު ފަހިކޮށް ދިނުން ކަމުގައި އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯ އިން ބޭއްވި ބްރީފިންގައި ވަނީ ނިޕޯންގެ މުޅިން އައު ވޯލް ސީލަރެއް ކަމުގައިވާ “ނިޕޯން އޮަޑަރ-ލެސް ވޯލް ސީލަރ 5101” ތައާރަފް ކޮށްފަ އެވެ. މި ވޯލްސީލަރަކީ ކުރިން އެސްޓީއޯ އިން ވިއްކަމުން ގެންދިޔަ ވޯލް ސީލަރަށްވުރެ އެޕްލައިކުރަން ފަސޭހަ އަދި %90 ވަސް މަޑު ވޯލްސީލަރެއް ކަމުގައި އެސްޓީއޯއިން ބުނެ އެވެ. އެތެރެ ފާރުތަކަށް ހާއްސަ މިވޯލް ސީލަރު ސިމެންތި ފާރުތަކުގައާއި، ހާރޑް އަދި ސޮފްޓް ބޯޑު ޕަރޓިޝަންތަކުގެ އިތުރުން ސީލިންގގައި ބޭނުން ކުރުމުން ކުލައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.