ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒާއި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަޞްރުﷲ އިސްމާއީލް އަދި އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އާދަމް ވަހީދު އެމްޑީޕީ ދޫކުރައްވާ ޖޭޕީ ގުޅިވަޑައިގަތުމަކުން ކުޅުދުއްފުށީގައި އެމްޑީޕީ ކަންބޮޑުވެ ފަހަތަކަށް ނުޖެހޭނެ ކަމަށް އެމްޑީޕީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނަން ދެއްވި ހާއްސަ ބަސްތީގަތުމެއްގައި އަލީ ވިދާޅުވީ އިއްޔެ ޕާޓީ ބަދަލު ކުރެއްވި ތިން ކައުންސިލަރުންނަކީ އެބޭފުޅުންގެ އެއްވެސް ހިދުމަތެއް އެމްޑީޕީ އަށް ނުލިބޭތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ތެރެއިން އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް އާދަމް ވަހީދުގެ ނަން އަލީ މުހައްމަދު ފާހަގަ ކުރެއްވި އެވެ.
އަލީ ވިދާޅުވީ ކުރިން އެމްޑީޕީ އިސްމަގާމު ތަކެއް ފުރުއްވާ، ފަހުން މިނިވަން މެމްބަރެއް ގޮތުގައި ހުރި އަތޮޅު ކައުންސިލް މެމްބަރު އާދަމް ވަހީދަކީ ފަހަކަށް އައިސް އެމްޑީޕީގެ ސިޔާސަތުތަކަށް ފާޅުގައި ދެކޮޅު ހައްދަވައި ފާޑު ކިޔާ ބޭފުޅުން ކަމަށްވާއިރު އެބޭފުޅުން ޕާޓީން ވަކިވުމަކީ ހައިރާން ވާ ކަމެއް ނޫން ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސަށް ފާޑު ވިދާޅުވަމުން އަލީ ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލް އިދާރާ އަކީ ކުޅުދުއްފުށީގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވެފައިވާ ތަނަކަށް ވެފައިވަނީ ކައުންސިލްގެ ރައީސްގެ ސަބަބުން ކަމަށް ކަމަށެވެ. އެބޭފުޅާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުޅުދުއްފުށީ ރައްޔިތުންނަން ހިދުމަތް ނުދީ އެމަގާމު ހުންނެވީ އެމްޑީޕީ ޕްރޮމޯޓް ވެދާނެތީ ކަމަށް އަލީ ތުހުމަތު ކުރެއްވިއެވެ.
ހދ އަތޮޅު ކައުންސިލް މެމްބަރުގެ މަގާމެއް ވެސް ފުރުއްވަމުން ގެންދަވާ އަލީ ވިދާޅުވީ ކައުންސިލަރުން ޖޭޕީ އަށް ވަޑައިގަތީ ފައިސާގެ ބޮޑެތި އަދަދު ތަކެއް ހުށަހެޅިގެން ކަމަށް ރަށުތެރޭގައި އަޑު ފެތުރިފަވާ ކަމަށާއި އެގޮތުން ކައުންސިލްގެ ރައީސަށް 5 ލައްކަ ރުފިޔާ ހުށަހެޅުނު އިރު ނަޞްރުﷲ އަށާއި އާދަމް ވަހީދަށް ކޮންމެ މީހަކަށް 7 ލައްކަ ރުފިޔާ ހުށަހެޅި ކަމަށް އަލީ ތުހުމަތު ކުރެއްވި އެވެ.
އަލީ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި އެމްޑިޕީ އުއްފެދުމަށް އާދަމް ވަހީދު ވަނީ ބުރަ މަސަކަތްތަކެއް ކުރައްވާފައި ކަމަށާއި އެހެން ވުމުން އެބޭފުޅާއަށް އެކަމަށްޓަކައި ޝުކުރުދައްނަވާ ކަމަށެވެ. އަދި ރަމީޒު އާއި ނަޞްރުﷲ އެމްޑީޕީގައި ހުންނެވި އިރު އެޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ވެސް އަލީ ޝުކުރު އަދާކުރެއްވިއެވެ. އަދި 3 ބޭފުޅުންނަން އަލީ ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.
އެމްޑީޕީ ދޫކުރައްވާ ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަތުމާ ބެހޭގޮތުން އަތޮޅު ކައުންސިލް މެމްބަރ ނަޞްރުﷲ އިސްމާއީލް ވިދާޅުވީ، ޖޭޕީއާ ގުޅިވަޑައިގަތުމުގެ ބަދަލުގައި ލޯ ލާރިއެއް ވެސް ލިބިނުލައްވާ ކަމަށާއި، ޕާޓީ ބަދަލުކުރީ އެއީ މިވަގުތަށް ރާއްޖެ ތަރައްޤީ ގާއިމުކުރެވޭނީ ޖުމުހޫރީ ކޯލީޝަނަށް ކަން ގަބޫލު ކުރެއްވޭތީ ކަމަށެވެ. އަދި ވިކުނިއްޔޭ ކިޔައިގެން ވާހަކަ ދައްކަވާއިރު، އެބޭފުޅުން ވިކުނިއްޔާ ވިކިފައި އިތިބީ ރާއްޖޭގެ ތަރައްޤީއަށް ކަމަށެވެ.
އެމްޑީޕީގެ ތުހުމަތުތަކާ ގުޅޭ ގޮތުން ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ފޯނަށް ޖަވާބު ނުދެއްވާތީ އާދަމް ވަހީދުގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ޖޭޕީއަށް ގުޅިވަޑައިގަތުމާ ހަމައަށް އެމްޑީޕީގެ ކެމްޕެއިންތަކުގައި ވަނީ ހަރަކާތްތެރިވެފައި ވެއެވެ.