“ޤައުމައިގެން ކުރިއަށް ކޯލިޝަން” ގެ ވެރިކަމެއްގައި މުޅި ރާއްޖެއިން މަދިރި ކޮންޓުރޯލު ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.
ރޭ ހދ ހަނިމާދޫގައި އެ ކޯލިޝަނުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރިޒޯޓުތަކުގައި މަދިރި ކޮންޓްރޯލް ކުރެވޭއިރު ރާއްޖޭގެ ރަށް ރަށުގައި މިވީހާތަނަށް މަދިރި ކޮންޓުރޯލް ކުރެވިފައި ނުވާކަމަށެވެ.
ފުރިހަމަ ސިއްހަތެއްގައި ކޮންމެ މީހަކަށް އުޅެވުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށާއި ޑެންގޫ ހުމާއި ޗިކަން ގުންޔާ ފަދަ ބަލިތައް ޖެހެނީ މަދިރި ކޮންޓްރޯލް ނުކުރެވޭތީ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރުމަށް އިތުރު ދައުރެއް ބޭނުންވާ ކަމަށާއި ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ކަމަށްވާއިރު އެގޮތުން މިހާރު ފަށާފައިވާ ކަންކަމާއި ފަށަން ހަމަޖެހިފައިވާ ކަން ކަން ކުރުމަށް އިތުރު ފަސް އަހަރު ބޭނުންވާ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބޭ ފަރާތަކާ އެކީގައި މަސައްކަތްކުރުމަކީ މިގައުމުގެ ތަރައްގީ އާއި ހަމަޖެހުމަށް ވެސް ކުރަން ޖެހޭ ކަމެއް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ހަނިމާދޫގައި ނަރުދަމާ ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަހީދު ރޭގެ ޖަލްސާ ގައި ވިދާޅުވި އެވެ.ރޭގައި ހަނިމާދުގައި ބޭއްވި މިޖަލްސާގައި އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.