ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލް އިމަރާތް 350 ދުވަހުގެ ތެރޭގައި ނިންމުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.
ހދ އަތޮޅު ތައުލީމަރުކަޒުގެ ހޯލް އިމާރާތް ހަވާލުކުރެއްވުމުގެ އެގްރިމެންޓްގައި އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމާއިލެވެ. އަދި ސްވިފްޓް އިންޖިނިއަރިންގ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ އެވެ.
6.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާ މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 2011 ވަނަ އަހަރު އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ޤަފޫރު މޫސާ އެވެ. ހޯލް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ އޭގެ އެއް އަހަރު ފަހުން 2012 ވަނަ އަހަރު އެވެ.
ހޯލުގެ އިމާރާތް އެޅުމަށްޓަކައި 2012 ވަނަ އަހަރު ޔުމާން ކޮންސްޓްރަކްޝަނާއެކު އެގުރިމެންޓެއްގައި އޭރުގެ ސަރުކާރުން ވަނީ ސޮއި ކުރައްވާފައެވެ. އެހެންނަމަވެސް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެކުންފުނިން އިމާރާތުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.
ތައުލީމީ މަރުކަޒުގެ ހޯލުގެ މަސައްލަގައި އެޑިކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު ތަކަށް ފާޅުގައި ފާޑުވިދާޅުވެ ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވާހަކަފުޅު ދައްކަވާފައިވަނިކޮށް އެބޭފުޅާ މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އެހެންނަމަވެސް އެއީ ސީދާ ކޮން މައްސަލައެއްގައި ކަން އެނގޭގޮތް ވަނީ ނުވެފައެވެ.