އަފީފުއްދީން ސްކޫލްގެ ޕުރައިޒް ޑޭއަށް ހަރަދު ކުރާނެ ފައިސާއެއް ނެތް ކަމަށް އެސްކޫލުން ބުނެފި އެވެ.
އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މިމަހުގެ 15 ގައި ޕުރައިޒްޑޭ ބޭއްވުމަށް ކުރިން ނިންމާފައި ވީ ނަމަވެސް ފައިސާގެ ދަތިކަން ދިމާވެފައި ވާތީ އެ ތާރީހުގައި ޕުރައިޒްޑޭ ބޭއްވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ ފައިސާގެ ދަތިކަން ދިމާވެފައިވާކަން އެންމެނަށްވެސް އެނގޭ ކަމަށާއި އެކަން ހައްލުކުރުމަށް މިނިސްޓްރީގައިވެސް ދަންނަވާފައި ވާނެ ކަމަށެވެ. ނަމަވެސް މިނިސްޓްރީން އެދެވޭ ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް މޫސާ ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާނަމަ ޕީޓީއޭ އިން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށާއި ޕުރައިޒްޑޭއަށް އެކަނި އެހާ ބޮޑު ހަރަދެއް ކުރުމަކީ އެހާ ރަނގަޅު ކަމެއްކަމުގައި ނުދެކެވޭ ކަމަށެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް ޕުރައިޒް ޑޭ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އެސްކޫލުގެ މެނޭޖްމެންޓުގެ ފަރާތުން ފާހަގަ ކުރައްވައެވެ.