ރައީސް ވަހީދަށް ކެމްޕެއިން ކޮށްދިނުމުގައި އިސްކޮށް އުޅޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުޅުދުއްފުށީ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންނަން ކުއްލި ގޮތަކަށް މިއަދު ޕްރޮމޯޝަން ދީފި ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ބުނެފި އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ހިއްސާކުރި އެމްޕީއެލްގެ މުވައްޒަފަކު ބުނީ މިއަދު ޕުރޮމޯޝަން ދީފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ރައީސް ވަހީދުގެ ޕާޓީގެ ފަރާތުން ބާއްވާ ޖަލްސާ ތަކަށާއި ހަފްލާތަކަށް ދާ އަދި ރައީސް ވަހީދަށް ކެމްޕެއިން ކޮށްދިނުމަށް އުޅޭ މުވައްޒަފުން ކަމަށެވެ.
މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ޕްރޮމޯޝަން ދީފައިވަނީ މީގެ ކުރިން އެސިސްޓެންޓް އޮޕަރޭޝަން އޮފިސަރު ގުރޭޑް 1 ގެ މަގާމުގައި ހުރި މުހައްމަދު އަހުމަދަށް ދީފައިވާ މަގާމާއި މީގެ ކުރިން އެސިސްޓެންޓް ޓެލީ އޮފިސަރު ގުރޭޑް 1 ގެ މަގާމުގައި ހުރި މުހައްމަދު ހަސަނަށް ދީފައިވާ ޕްރޮމޯޝަނެވެ. އެދެމީހުންނަން ވަނީ މިއަދު އެސިސްޓެންޓް މެނޭޖަރގެ މަގާމު ދެއްވާފައެވެ.
މީގެ ކުރިންވެސް ރައީސް ވަހީދުގެ ކެމްޕެއިންތަކުގައި މުވައްޒަފުން ބައިވެރިވުމަށް ކުޅުދުއްފުށީ އެމްޕީއެލްގެ މުވައްޒަފުނަށާއި އާއިލާތަކަށް މަޖުބޫރު ކުރާކަމަށް އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.
މިއަދު ކުޅުދުއްފުށީ އެމްޕީއެލްގައި މަސައްކަތްކުރާ އިތުރު ބައެއް މުވައްޒަފުންނަން ވެސް ވަނީ ޕްރޮމޯޝަން ދީފައެވެ. އެގޮތުން ބައެއް ޑުރައިވަރުންނަށް ވެސް ވަނީ ޕްރޮމޯޝަން ލިބިފައި ވެއެވެ.
މިކަމާ ބެހޭގޮތުން ކުޅުދުއްފުށީ ޕޯޓުގެ މެނޭޖަރ އިބްރާހީމް ފަރުހޫދު ވިދާޅުވީ ޕްރޮމޯޝަން ދިނުމުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ކުޅުދުއްފުށީ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިދިޔަ 7 އަހަރުގެ ތެރޭގައި އެއްވެސް ޕްރޮމޯޝަނެއް ދީފައިނުވާއިރު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ އެމީހުންނަށް ކުރިއެރުން ހޯދައިދިނުން ކަމަށް ފަރުހޫދު ވިދާޅުވި އެވެ.
ފަރުހޫދު ވިދާޅުވީ މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން ކުންފުނީގެ ބޯޑުގައި ވެސް އެވާހަކަ ދަންނަވާފައިވާނެ ކަމަށާއި އެކަމަކު ކުޅުދުއްފުށީ ބަނދަރަކީ އެހާ ފައިސާ ވަންނަ ބަނދަރަކަށް ނުވާތީ އެއްފަހަރާ ގިނަ ބަޔަކަށް މަގާމުގެ ކުރިއެރުން ދިނުމަކީ ދަތިކަމެއް ކަމަށެވެ. އެހެންނަމަވެސް، މިއީ ފެށުމެއް ކަމަށާއި އުއްމީދަކީ ރަނގަޅަށް މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް އެމީހުންނަށް ހައްގުވާ ކުރިއެރުންތައް ހޯދައިދިނުން ކަމަށް ފަރުހޫދު ވިދާޅުވި އެވެ.
މިއަދު ޕްރޮމޯޝަން ލިބުނު ބައެއް މުވައްޒަފުންނަކީ ކުޅުދުއްފުށީގައި ބަނދަރު ހުޅުވިއިރުން ފެށިގެން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށާއި އެފަދަ ފަރާތްތަކަށް ހައްގުވާ ޕްރޮމޯޝަނެއް ދިނުމަކީ ސިޔާސީ ވިސްނުމުގައި ކޮށްފައި އޮތް ކަމެއް ނޫންކަމަށް ވެސް ފަރުހޫދު ވިދާޅުވި އެވެ.