ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.
ކުޅުދުއްފުށީ ހިއްކި ބިމުގެ ދެކުނު ސަރަހައްދަށް ސީ ޕްލޭނެއްގައި ގާސިމް އިބްރާހިމް މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު ފައިބައި ވަޑައިގެންނެވި އިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުދި ބޮޑު ގިނަ ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ މި ކެމްޕޭން ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލުކޮށްލާ ރައްޔިތުންގެ ހާލު އަހުވާލު ގާތުން ބައްލަވާ ލެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުން ފެނުނު ތަރުހީބުގެ ސަބަބުން ކުޅުދުއްފުށިން ގާސިމަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިގެންދާނެކަން އެނގިގެން ގޮސްފިކަން އެގުޅުމުން ފާހަގަ ކުރައްވައެވެ.
ގާސިމް އިބްރާހީމަށް މަރުހަބާ ދެންނެވުމަށްޓަކައި އެއްވެ ތިބި ރައްޔިތުންނާ ސަލާމްކޮށް ހާލުއަހުވާލު އޮޅުން ފިލުއްވުމަށްފަހު އެ މަނިކުފާނު ކުޅުދުއްފުށިން ފުރައިވަޑައިގެންފައި ވަނީ ހަވީރު 5:30 ހާއިރުއެވެ.
ކުޅުދުއްފުށީގައި ކުރިން ޑީއާރުޕީ އާއި ޕީޕީއެމަށް ސަޕޯޓުކުރި ގިނަ ބަޔަކު ޖުމުހޫރީ ޕާޓީއަށް ބަދަލުވެފައި ވެއެވެ. އަދި ދާދި ފަހުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒާއި އަތޮޅު ކައުންސިލްގެ ދެ ކައުންސިލަރަކު ވަނީ ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެ ތިން ކައުންސިލަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.