twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެމްޑީޕީ ކެމްޕެއިންތައް ވަނީ ހަ ގިޔަރު ކުރިއަށްލައި މެކުހަށް ޖަހާފައި: އެމްޑީޕީ ކުޅުދުއްފުށީ ގޮފި

Sep 9, 2013

އެމްޑިޕީގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައިސް މުހައްމަދު ނަޝީދު ދެވަނަ ބުރަށް ހޮވިފައިވާތީ ކެމްޕެއިން ހަރަކާތައްތައް ކުޅުދުއްފުށީގައި “ހަ ގިޔަރު ކުރިއަށްލައި، މެކުހަށް” ޖަހާފައިވާ ކަމަށް ކުޅުދުއްފުށީ އެމްޑީޕީ ގޮފީގެ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވަމުން އަންނަ އަލީ މުހައްމަދަށް މިނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ 7 ސެޕްޓެމްބަރުގައި ކުޅުދުއްފުށީގައި ބެހެއްޓި ހުރިހާ ވޯޓު ފޮއްޓަކުން އެމްޑީޕީ ކުރި ހޯދާފައިވާތީ އެޕާޓީއަށް ކުޅުދުއްފުށިން ލިބުނު ވޯޓާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

އަލީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުޅުދުއްފުށިން އެ ލިބުނު ވޯޓަކީ އުއްމީދީ ޖަވާާބެއް ކަމަށާއި ރެއިން ފެށިގެން ކުޅުދުއްފުށީގައި ކެމްޕެއިން ވަރުގަދަ އަށް ޖައްސާފައިވާ ކަމަށެވެ. އަދި އެމްޑިޕީގައި ނޫޅުއްވައި ރަށުގެ ކަމުވޮށި ވެގެންވާ ފަރާތްތަކާއި ގުޅުއްވާ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި އެފަރާތަކުން ވެސް ވަރަށް އުއްމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ފާޑު ވިދާޅުވަމުން އަލީ ވިދާޅުވީ އިންތިހާބު ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ގާސިމްގެ މަސްލަހަތު އޮންނަ ތަނަކުން ކުޅުދުއްފުށީގެ ސްކޫލު ތަކަށާއި ހދ އަތޮޅުގެ ސްކޫލު ތަކަށް ތަކެތި ހަވާލު ކުރުމަކީ ކަނޑައެޅިގެން “ރިޝްވަތު” ދިނުން ކަމަށެވެ. އަދި ގާސިމަށް ހދ ގެ ރައްޔިތުން ފެނިފައިވަނީ މިއަދު އިންތިހާބަށް ކުރިމަތި ލެއްވުމުން ކަމަށް ވިދާޅުވެ ގާސިމަށް ބަހުގެ ހަމަލާތަކެއް ދެއްވާ ފައެވެ.

ވިލާ ފައުންޑޭޝަނުން ހދ އަތޮޅުގެ ސްކޫލުތަކަށް ހަދިޔާ ދިން މައްސަލަ ޓްރާންފޭރެންސީއަށް ހުށަހަޅާފައި ވާއިރު އެކަން ފުހުލުންނާއި އިލެކްޝަން ކޮމިޝަނުން ވެސް ހުއްޓުވާފައި ނުވާތީ އެމުއްސަސާ ތަކަށް ވެސް އަލީ ވަނީ ފާޑުވިދާޅުވެފަ އެވެ.

ޖުމުހޫރީ ޕާޓީން ކުރިން ބުނެފައިވާ ގޮތުގައި ވިލާ ފައުންޑޭޝަނުން ދޭ އެހީތަކަކީ ޖުމުހޫރީ ޕާޓީއާ ގުޅުންހުރި އެހީތަކެއް ނޫނެވެ. އަދި ގާސިމްއަކީ މިވަގުތު ވިލާ ފައުންޑޭޝަންގެ ޗެއާރމަންގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ނިމިދިޔަ އިންތިހާބުގައި ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުން 42 އިންސައްތަ ނަޝީދު ހޯއްދަވާފައި ވެއެވެ. ދެން އެންމެ ގާތުން ވާދަކުރެއްވި ޖުމުހޫރީ ގުޅުމުގެ ކެނޑިޑޭޓަށް 28 އިންސައްތަ ލިބުނުއިރު ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިފައިވަނީ 24 އިންސައްތަ ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355