ސިހުރު ކަމަށް ބެލެވޭ މުށިކޮޅުތަކެއް ހއ. ތަކަންދޫ ސްކޫލުގެ ތެރެއިން ނަގައިފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ތަކަންދޫ ސްކޫލުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންތަކަކަށް ގޮތްނޭނގޭ ބިރުވެރި ކަންތައްތަކެއް ކުރިމަތިވާތާ 3 މަސްދުވަސް ވަރު ވެފައިވާ ކަމަށާއި މިގޮތުން މިފަހުން އެކަންތައްތައް ފުޅާވެ ކުދިންނަށް އެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބެލިބެލުމުން މިއީ ޖިންނީގެ ކަމެއްކަން އެނގި ރުޤުޔާގެ އިލްމު ހޯދާފައިހުރި ފަރާތެއްގެ އިރުޝާދުގެ ދަށުން ކިޔެވެލިތަކަށް ފަހު ކުދިންނަށް އެންމެ އުނދަގޫ ފޯރާ އެއް ހިސާބު ކޮނެގެން ސިހުރު ކަމަށް ބެލެވޭ މުށިކޮޅުތަކެއް ނަގާފައިވާ ކަމަށެވެ. މިގޮތުން އިއްޔެ ހަވީރު ނެގި މުށިކޮޅުތައް މިހާރު ނައްތާލާފައިވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޞާދިގު ވިދާޅުވީ ސްކޫލުގެ ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ފޯރާތާ ގާތްގަނޑަކަށް 8 މަސްވެފައިވާ ކަމަށާއި މިއަހަރު ސްކޫލުގެ ކިޔެވުން ފެށުނީއްސުރެ އުނދަގޫ ފޯރަމުންދާ ކަމަށެވެ. ނަމަވެސް މިކަންތައް ފުޅާވުމުގެ ސަބަބުން އަތޮޅުގެ ރުޤުޔާ ކުރާ ބޭފުޅަކު ރަށަށް ވަޑައިގެން ކިޔެވެލި ކިޔަވާ އިއްޔެ ހަވީރު ސްކޫލުގެ ހުޅަނގު ފަރާތު ގޭޓު ކައިރިން 25 ވަރަކަށް މުށިކޮޅު ނަގާފައިވާ ކަމަށެވެ. ކޮނެގެން މިތަކެތި ނެގި ވަގުތު ދަރިވަރުންނަށް ވަރަށް ބޮޑުވަރުވެ 5 ފިރިހެނުންނަށް ހިފަހައްޓާނުލެވޭ ވަރު ވެފައިވާ ކަމަށްވެސް ޞާދިގު ވިދާޅުވި އެވެ.
އަދި ރަށުތެރޭގައި މިވާހަކަ އެކި ގޮތްގޮތަށް ދެކެވި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާތީ ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ރޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް ޞާދިގު ވިދާޅުވި އެވެ.
ތަކަންދޫ ސްކޫލުން މި ނޫހަށް މައުލޫމާތު ހިއްސާކުރި ބޭފުޅާ ވިދާޅުވީ ފުރަތަމަ އެކަންތައް ދިމާވީ ތަކަންދޫ ސްކޫލުގެ ގްރޭޑް 9 ގެ އަންހެން ދަރިވަރަކަށް ކަމަށާއި ނަމަވެސް ފަހުން އެ ކަންތައް ފުޅާވެ ގްރޭޑް 7 ގެ ދަރިވަރަކާއި 5 އަދި ގްރޭޑް 4 ގެ ދަރިވަރަކަށްވެސް އެކަންތައް ދިމާވަމުންދާ ކަމަށެވެ. މިގޮތުން މިހާރު 3 އަންހެން ކުދިންނަށާއި ފިރިހެން ކުއްޖަކަށް ޖިންނީންގެ އުނދަގޫ ވަރަށް ބޮޑަށް ފޯރަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަންތައް ދިމާވާ އެ ހަތަރު ކުދިންގެ ވެސް ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭގައި އަތްފައި ބުޅިވެ، އާދަޔާއި ހިލާފު ބާރެއް ގަޔަތް އަރާ ކަމަށާއި މަރުވެފައިވާ އެމީހުންގެ އާއިލާ މެމްބަރުން ފެންނަ ވާހަކަ ރޮއެރޮއެފައި ކިޔައިދޭ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. އަދި ބިރުވެރިކަމާ އެކު އެހެން މީހަކު ވެސް ފެންނަ ކަމަށާއި އެއީ ކާކުތޯ ސުވާލުކުރާ ކޮންމެވަގުތަކު އެކުދިން އަމިއްލައަށް ކަރުގައި އަތް އަޅާ ކަމަށްވެސް އެމީހާ ބުންޏެވެ.
ތާރީހަށް ބަލާއިރު ތަކަންދޫއަކީ ސިހުރުގެ ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭ ރަށެކެވެ.