ޖަލާލުއްދީން ސްކޫލުގެ ތިމާވެށި ކްލަބު ކަމަށްވާ އިކޯ ކުލަބުން މިއަހަރުގެ “ގްރީންޑޭ” މިއަދު ފާހަގަ ކުރަން ފަށައިފިއެވެ.
ގްރީންޑޭއާ ބެހޭގޮތުން މައުލޫމާތު ދެމުން އެ ސްކޫލުގެ އިކޯ ކުލަބުން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އިންޖީނުލީ އުޅަނދެއް ބޭނުން ނުކޮށް ސްކޫލަށް ހާޒިރުވުމުގެ ބައެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރާއި ޚިލާފަށް މިއަހަރު މާބޮޑު ތަރުޚީބެއް އެކަމަށް ލިބިފައިވާ ކަމަށް އެކުލަބުން ބުންޏެވެ.
މީގެ އިތުރުން މިއަދު ހެނދުނުގެ ފުރަތަމަ ގަޑީގައި 20 މިނެޓަށް ކަރަންޓު ކަނޑާލާފައިވާ ކަމަށާއި އެކަމުން ކިތަންމެ ކުޑަ މިންވަރަކުންވެސް ތަފާތެއް ދެއްކޭނެ ކަން އެކުލަބުން ފާހަގަކުރިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަރަށް އަވަހަށް ތިމާވެއްޓަށް އަހުލުވެރިކުރުމުގެ ހިނގާލުމެއް އެކުލަބުން ބާއްވާނެ ކަމަށާއި އަދި ކުޅުދުއްފުށީ އަމީނީ މަގުގެ އުތުރުކޮޅު ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ރޭވިފައިވާ ކަމަށް އެކުލަބުން ހާމަކުރެއެވެ.
އިކޯކުލަބުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޖަލާލުއްދީނުގެ އިކޯކުލަބުން މިދިޔަ އަހަރުވެސް ވަނީ ގްރީންޑޭ ވަރަށް ފޯރިއާއެކު ފާހަގަކޮށްފައެވެ.
ޖަލާލުއްދީންގެ އިކޯ ކްލަބަކީ ތިމާވެށީގެ އެކި ކަންކަމަށް ގިނަ މަސައްކަތްތަކެއް ކުރާ ކްލަބެއްކަން ފާހަގަ ކޮށްލެވެއެވެ.