ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޑަކްޓްތަކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން އައު ލޯނެއް ތަޢާރަފު ކޮށްފި އެވެ.
ބީއެމްއެލް ރިއަލް އެސްޓޭޓް ލޯނުގެ ނަމުގައި އަލަށް ތަޢާރަފްކުރެވުނު މި ލޯނަކީ ސިޓީ ހޮޓާ، ގެސްޓްހައުސް، ކޮންޑަމީނިއަމްސް، ފްލެޓް، ރޯހައުސް، އޮފީސް އަދި ގެދޮރު ޢިމާރާތްކުރުމަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތަކަށް އަމާޒުކުރެވިގެން ދޫކުރެވޭ ލޯނެކެވެ. އަދި މީގެ އިތުރުން މިފަދަ ބޭނުންތަކުގައި އެހެން ބޭންކަކުން ނަގާފައިވާ ލޯނެއް ޚަލާސްކުރުމަށްވެސް މި ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ލޯނުގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅިފައިވަނީ 5 މިލިއަން ރުފިޔާއިން ފެށިގެން 150 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. ބޭންކުން މައުލޫމާތު ދޭގޮތުގައި މިލޯނު އަނބުރާ ދެއްކުން 15 އަހަރު ދުވަހަށް ބަހާލެވޭނެ އެވެ. މިލޯނު 5 މިލިޔަން ރުފިޔާ އިން ފެށިގެން 15 މިލިޔަން ރުފިޔާ އާ ހަމައަށް %11.5 ގެ އިންޓަރެސްޓެއްގައި ދޫކުރާއިރު 15 މިލިޔަނުން ފެށިގެން މަތީގެ އަދަދުތައް ދޫކުރަނީ %12 އިންޓަރެސްޓެއްގަ އެވެ.
މި ލޯނަށް އެދޭ ފަރާތްތަކުން ޢިމާރާތްކުރާ ތަނުގެ %25 އަށްވާ އަދަދު ހަމަޖެއްސުމުން ބާކީ %75 ބޭންކުން ހަމަޖައްސައިދޭނެއެވެ. ބޭންކުން މައުލޫމާތު ދޭގޮތުން ޕްރޮޖެކްޓްގެ ކުޑަ ބޮޑުމިނަށް ބަލައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބޭންކުން މީގެ ދެހަފްތާ ކުރިން ވަނީ އަމިއްލަ ފަރުދުން ގެދޮރު އިމާރާތް ކުރުމަށް ހާއްސަ ލޯނެއް ތަޢާރަފް ކޮށްފަ އެވެ. ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ލޯނު ގެ ނަމުގައި ތައާރަފް ކުރި އެލޯނު 50،000 ރުފިޔާ އިން ފެށިގެން 5 މިލިޔަން ރުފިޔާ އާ ހަމައަށް ދޫކުރެ އެވެ. އެލޯނު އަނބުރާ ދައްކަން ފެށުމަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭ އިރު، 15 އަހަރު ދުވަހަށް ލޯނުގެ މުއްދަތު ބަހާލެވެ އެވެ.
މިއަހަރު މިހާތަނަށް ބީއެމްއިލް ވަނީ 4 ލޯނެއް ތަޢާރަފް ކޮށްފަ އެވެ.