ވިލާ ކޮލެޖުން ޖަރުމަނުގެ ހެއިލް ބްރޯން ޔުނިވަރސިޓީއާއެކު ދިރާސާ ކުރުމުގެ ރޮނގުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ހަކަތަ އާއި ވިޔަފާރި އަދި ސިޔާސީ ދާއިރާއިން ދެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން ތަމްރީނު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މީގެ އިތުރުން ދެތަނުގެ މުވައްޒަފުން ބަދަލު ކުރުމުގެ ޕްރޮގްރާމަކާއި އަންޑާ ގްރެޖުއޭޓުންނާއި ޕޯސްޓް ގްރެޖުއޭޓުން އަދި ޕީއެޗްޑީ ކުދިން ހުށަހަޅަން ޖެހޭ ދިރާސާތަކުގައި އެހީވަމުންދާނެ ކަމަށް ވެސް ވިލާ ކޮލެޖުން ހާމަކުރެ އެވެ.
ވިލާ ކޮލެޖުން ހެއިލް ބްރޯން ޔުނިވަރސިޓީއާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގެ ޕީއެޗްޑީގެ ޕްރޮގްރާމްތައް ފެށިގެންދާއިރު ޕީއެޗްޑީގެ ރިސާޗްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިލާ ކޮލެޖުން ހާމަކުރެއެވެ.
ހެއިލް ބްރޯންގެ އިންސްޓިޓިއުޓް ފޯ އެޕްލައިޑް މާކެޓް ރިސާޗާއި ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން އާ ދެމެދު ހެދުނު މި އެއްބަސްވުމުގައި ވިލާ ކޮލުޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓާރ ޑރ. އަހްމަދު އަންވަރު އެވެ. ހެއިލް ބްރޯންގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޓުއަރިޒަމް ފެކަލްޓީގެ ޑީން ޕްރޮފެސަރު ޑރ. ކްރިސްޓިއަން ބުއާ އެވެ.