އާރލީ ޗައިލްޑްހުޑް ގެ ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހދ ކުޅުދުއްފުށީގައި ފަށައިފި އެވެ.
އިންޓަރނޭޝަނަލް އިންސްޓިޓިއުޓު އޮފް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓު (އައި.އައި.ޕީ.ޑީ) ގެ ފަރާތުން ކުޅުދުއްފުށީގައި ހިންގާ މި ދެކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
މި ކޯސްތާކާ ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން އޭއީސީގެ ގްރެޖްއޭޓު ލީޑިން ޓީޗަރ އަހުމަދު ފަހީމް ވިދާޅުވީ ޑިޕްލޮމާ ކޯހުގައި ކިޔަވައިދެއްވާނީ ޑިގްރީ ފެންވަރުގެ ބޭފުޅުން ކަމަށާއި ސެޓްފިކެޓު ލެވެލް 3 ގެ ކޯހުގައި ކިޔަވައިދެއްވާނީ ޑިޕްލޮމާ ފެންވަރުގެ ބޭފުޅުން ކަމަށެވެ.
މީގެ ތެރެއިން ޑިޕްލޮމާ ކޯހަކީ 2 އަހަރުގެ ކޯހެއް ކަމަށާއި ސެޓްފިކެޓް ލެވެލްގެ ކޯހުގެ މުއްދަތަކީ 7 މަސް ކަމަށްވެސް ފަހީމް ވިދާޅުވި އެވެ. އަދި ޑިޕްލޮމާ ކޯހުގައި 18 ދަރިވަރަކު ބައިވެރިވެފައިވާއިރު ސެޓްފިކެޓު ލެވެލް ކޯހުގައި 14 ދަރިވަރަކު ބައިވެރިވެފައިވާކަން ފާހަގަކުރެއްވި އެވެ.
ފަހީމް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި އައި.އައި.ޕީ.ޑީގެ ސެންޓަރެއް ހުޅުވާ ހިޔުމަން ރިސޯސް އަދި ބިޒްނަސް މެނޭޖްމަންޓުގެ ކޯސްތައް ކުރިއަށް ގެންދިޔުމަކީ އައި.އައި.ޕީ.ޑީގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.