ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކަބް ސްކައުޓް 2013 ގެ ޗެލެންޖްގެ އެއްވަނަ ވޭން ސިކްސް އާއި ބުލޫވޭލް ސިކްސް ހޯދައިފި އެވެ.
އިއްޔެ އެ ސްކޫލުގައި ކުރިއަށް ގެންދިޔަ ކަބް ސްކައުޓް އައުޓިންގައި ގުރޭޑް ތިނެއްގެ ޕެކްތަކުން އެއްވަނަ ހޯދައިފައި ވަނީ ވޭން ސިކްސް އެވެ. އަދި ގުރޭޑް ހަތަރެއްގެ ޕެކް ތަކުން 1 ވަނަ ހޯދީ ބުލޫވޭލް ސިކްސް އެވެ.
ކަބް ސްކައުޓުންގެ މިޗެލެންޖުގައި ގްރޭޑް ތިނެއްގެ ދަރިވަރުންގެ ތެރެއިން އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދީ ވޭން ސިކްސް ޕެކްގެ ހަސަން އައްފާން އަލީ އެވެ. އަދި ގުރޭޑް ހަތަރަކުން އެންމެ ފުރިހަމަ ކާމިޔާބީ ހޯދާފައިވަނީ ބުލޫވޭލް ސިކްސް ޕެކްގެ މުހައްމަދު އައިމަން ހުސެއިން އެވެ.
ކަބް ސްކައުޓުންގެ މި އައުޓިންގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ކަބް ސްކައުޓް ޕްރޮގްރެސް އެވޯޑް ފޮތުގައި ފުރިހަމަ ކުރުމަށް ހުރި ބައިތައް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ވަރަށް ގިނަ އެއްޗެހި ދަސްވެ، އެހެން ކުދިންނާއެކު އާއިލާއާ ވަކިން އުޅެން ދަސްވާ ކަމަށް ކަބް ސްކައުޓުން ބުނެއެވެ.
ދެ ގްރޭޑްގެ ޖުމްލަ 43 ކަބް ސްކައުޓުން ބައިވެރިވި މިޗެލެންޖުގައި ގައި ހާއްސަ ވަނަވަނަ އަށް ދިޔަ ފަރާތަކަށް ސެޓްޕިކެޓް ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހެމާން ޓީއަރުސީގެ ކޯޑިނޭޓަރ އަބުދުއްރަޝީދު ސައީދެވެ.
އިއްޔެ ހަވީރު އެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވަނީ ކަބް ސްކައުޓްގެ ޗެލެންޖުގައި ދަސްކުރި އެއްޗެހީގެ ބޭނުން އަމަލީ މައިދާނުގައި ބޭނުން ކުރުމަށް ދަރިވަރުންގެ ކިބައިން ނަސޭހަތެރިވެފައެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ބާއްވާ މިފަދަ ކޮންމެ ހަރަކާތެއްގައި އެސްކޫލުގެ ބެލެނިވެރިން ގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކުރައްވާ އެފަރާތަކަށް ޝުކުރުވެރިވާ ކަމަށް ކަބް ސްކައުޓްގެ ކޯޑިނޭޓަރ މަރިޔަމް ވިދާޅުވި އެވެ.