އަފީފުއްދީން ސްކޫލު ސްކައުޓް އައުޓިން ބާއްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އައުޓިންގައި ބެސްޓް ޕެޓްރޯލް އަކަށް ހޮވިފައިވަނީ ލިންގާ ޕެޓްރޯލެވެ. އަދި ބެސްޓް ކޭމްޕާ އަކަށް އަހުމަދު އަބުދުﷲ ހޮވުނު އިރު ބެސްޓް ޕެޓްރޯލް ލީޑަރަކަށް ހޮވިފައިވަނީ އިބުރާހިމް އަހުމަދެވެ.
32 ސްކައުޓުން ބައިވެރިވި މިއައުޓިން ގައި ދަރިވަރުން މޫދު ކައިރި ބޮޑު ސަރަހައްދެއް ސާފުކޮށްފަ ވާއިރު އަލިފާން ނިވި ބޭނުން ކުރާނެ ގޮތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ކުލާހެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި އައުޓިންގައި ސްކައުޓުންގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ވެސް ވަނީ ބާއްވާފަ އެވެ.
ސްކައުޓް ކުދިން އާއިލާ އާއި ވަކިން ދިރިއުޅުމުގެ ހުރިހާ ކަމެއް އަމިއްލައަށް ކުރި މިއައުޓިން ގައި ބައެއް ސްކައުޓުން މިނޫހާ ވާހަކަ ދައްކަމުން ބުނީ މިފަދަ އައުޓިންތައް ސްކޫލް ފަރާތުން ކުރިއަށް ގެންދާތީ ވަރަށް ހިތްހަމަޖެހޭކަމަށާއި އަދި އާއިލާ އާ ވަކިން އުޅެން ދަސްވާކަމަށެވެ.
އެހެން ސްކައުޓެއް ބުނީ އަސްލު މަންމަ އާއި އާއިލާގެ މެމްބަރުން ކޮށްދޭ ކަންތައް އެނގެނީ މިފަދަ އައުޓިން ތަކުގައި ބައިވެރިވެ، އާއިލާ މެމްބަރުން ކޮށްދޭ ކަންތައް ތައް އަމިއްލަ އަށް ކުރަންޖެހުމުން ކަމަށެވެ.
މަންމަ މެން އަހަރެމެންނަށްޓަކައި އުފުލާ ބުރަ ބޮޑު މަސައްކަތްތައް މި އިހްސާސް ކުރެވުނީ އަހަރެމެން މިއައުޓިންނަށް އައިސް އަމިއްލައަށް އެމަސައްކަތްތައް ކުރަން ޖެހުމުން.” އަލަން ސްކައުޓާ ގުޅުނު ދަރިވަރަކު” ކިޔާދިނެވެ.
އައުޓިން ނިންމުމުގެ ގޮތުން އިއްޔެ މެންދުރު ފަހު އަފީފުއްދީން ސްކޫލުގައި ބޭއްވި ހަފްލާ ގައި ހާއްސަ ވަނަތަކަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އެވެ