ސްކޫލުގެ ޓެސްޓް ދުވަސްވަރާ ދިމާކޮށް ސިޔާސީ ޕާޓީތަކުން ލައުޑު ސްޕީކާރު ބޭނުންކުރުމަށް އިހަވަންދޫ ކައުންސިލުން ވަކި ގަޑިތަކެއް ކަނޑައަޅައިފި އެވެ.
އެގޮތުން އިހަވަންދޫގައި ސިޔާސީ ޕާޓީތަކުން ލައުޑް ސްޕީކަރު ސިސްޓަމް ބޭނުން ކޮށްގެން ދުރަށް އަޑު ފޮނުވުމަށް ހުއްދަ ދެވިފައިވަނީ ހަވީރު 4 އިން ހަވީރު ހަޔަކަށެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަމީރު ވިދާޅުވީ މިގޮތަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފައި މިވަނީ ސްކޫލްގެ ޓެސްޓް ދުވަސްވަރާ ދިމާވެފައިވާތީ ސްކޫލުގެ އެދުމުގެ މަތިންކަމަށާއި އަދި އިޖުތިމާއީ ހަމަޖެހުން ދެމެހެއްޓުމަށާއި އާންމުންގެ ފަސޭހައަށް ކަމަށެވެ. އަދި އެވަގުތަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިއްތިފާގުން އެއްބަސްވެވުނު ވަގުތުކަމަށް ކައުންސިލުން ވިދާލުވި އެވެ.
އިހަވަންދޫ ކައުންސިލުން ބުނީ ކަނޑައެޅިފައިވާ ވަގުތު ނޫން އެހެން ވަގުތުތަކުގައިވެސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވޭނެކަމަށެވެ. ނަމަވެސް ދުރަށް އަޑު ފޮނުވޭނީ ހުއްދަ ދެވިފައިވާ ވަގުތުގައި އެކަނި ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް މިގޮތަށް ވަކި ވަގުތުތަކެއް ކަނޑައެޅި ކަމަށް ކައުންސިލުން ބުނެއެވެ.
ސަމީރު ވިދާޅުވީ ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ލައުޑު ސްޕީކަރުން ދުރަށް އަޑުފޮނުވައި ސިޔާސީ ފަރާތްތަކުގެ މައްސަލަ ފުލުހުންނަށް ހުށައަޅަމުންދާނެ ކަމަށެވެ.
ފުރަތަމަ ބުރުގައި ލިބުނު ކަހަލަ ބޮޑު އެއްބާރުލުމެއް މިފަހަރުވެސް ސިޔާސީ ފަރާތްތަކާއި ރަށުގެ އާންމުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.