އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުތުރުން %65 އެމްޑީޕީން ނަގާނެ ކަމަށް އެމްޑީޕީގެ އުތުރުގެ ކެމްޕެއިން ކޯޑިނޭޓަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ އުތުރުގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގައި ރައީސް ނަޝީދަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ފެންނަމުންދާ ކަމަށާއި ޔާމީނަށް ތާއީދުކުރަމުންދާތަން އެއްގޮތަކަށްވެސް ފެންނަމުން ނުދާކަމަށެެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝިފާ ވިދާޅުވީ އެމްޑީޕީއަކީ އެންޓި ކެމްޕޭން ކުރާ ޕާޓީއެއް ނޫންކަމަށާއި ޕީޕީއެމްއިން ރައްޔިތުންގެ ހިތްތަކުގައި ރައީސް ނަޝީދާމެދު ހިތްހަމަނުޖެހުން އުފައްދަން މަސައްކަތްކުރާކަމަށެވެ. އެހެން ނަމަވެސް މިކަމުންވެސް ވެއްޓިގެންދަނީ ޕީޕީއެމްގެ އަގުކަމަށް ޝިފާ ވިދާޅުވި އެވެ
ޝިފާ ވިދާޅުވީ މިހާރު ކުރަމުންދާ ދަތުރު ތަކުގައި ހދ ފިނޭގައި އިލެކްޝަންގެ ފޯކަލް ޕޮއިންޓުގެ ބޭފުޅުން ޕީޕީއެމްއަށް ކެމްޕޭންކުރުމުގެ އަމަލީ މަސައްކަތުގައި ވަރަށް އިސްކޮށް އުޅޭތަން ފެނިފައިވާ ކަމަށާއި މިއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މިހާރުވެސް އެމްޑީޕީގެ 3 ޓީމަކުން އުތުރުގެ ރަށްތަކަށް ކެމްޕޭނުގައި ދަތުރުކުރައްވާކަން ފާހަގަކުރައްވަމުން ޝިފާ އިތުރަށް ވިދާޅުވީ އަނެއްކާވެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކެމްޕޭން ދަތުރުގައި ބައިވެރިވެލައްވާނެ ކަމަށެވެ.