ހއ. ހދ އަދި ށ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސިއްހީ ފަރުވާދޭ ކޭމްޕެއް އަންނަ އޮކްޓޯބަރ މަހު ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.
މާލޭ މެޑިކަލްސްގެ ފަރާތުން ކުރިއަށް ގެންދާ މި ކޭމްޕުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ އަހުމަދު ސައީދާއި ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހައިކަލްއާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ ހުސައިން ފައިސަލްއާއި އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރު ޑރ މުހައްމަދު ޝަރާހުވެސް ފަރުވާ ދެއްވާނެއެވެ. މި ފަރާތްތަކުން މި ކޭމްޕްގައި ބަލިމީހުން ބައްލަވާނީ އޮކްޓޯބަރ 4 އަދި 5 ގައެވެ.
މީގެ އިތުރުން އޮކްޓޯބަރ 2 – 5 އަށް ދަތުގެ ފަރުވާދޭ ސުޕަރ ސްޕެޝަލިސްޓުން ވެސް ކުޅުދުއްފުށީގައި ފަރުވާ ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް މާލޭ އޮޕްޓިކަލްސް އިން މައުލޫމާތު ދެއެވެ. މިގޮތުން ޓްރިވެންޑްރަމްގެ އޮމެގާ ޑެންޓަލް ކްލިނިކްގެ އެންޑޮޑޮންޓިކްސް އަދި ކޮސްމެޓިކް ޑެންޓިސްޓްރީއަށް ޚާއްސަ ޑރ އަބީލާޝް ވީ. ޖެކޮބް އާއި ނަރުގަނޑު އެޅުވުމަށް ޚާއްސަ އޯތޮޑޮންޓިސްޓް ޑރ. ދެބަރްޕިތާ ރޯއި ފަރުވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ދެއްވާ ފަރުވާ ތަކުގެ ތެރޭގައި ދަތް ޖެހުމާއި، ދަތްޕިލަ ހެދުމާއި ދޯރި އަދި ބްރިޖް އެޅުވުމާއި ފަނިކައިފަ ހުންނަ ދަތް ނުނަގާ ރަނގަޅު ކުރުމަށް ރޫޓު ކެނަލް ޓްރީޓްމެންޓު ހެދުމާއި އައިބުކޮށް ފަޅާފަހުންނަ ދަތް ރަނގަޅުކުރުމަށް ނަރުގަނޑު އެޅުވުންވެސް ހިމެނޭނެ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ. އަދި ޚާއްސަ ފަރުވާއެއްގެ ގޮތުން ދަތުގައި ޖެހިފައި ހުންނަ ކުލަ ފިލުވުމަށް ޓީތް ވައިޓްނިންގ (ބްލީޗިންގ) އާއި ތުއްތު ކުދިންގެ ދަތް ގިރުމުން ދެވޭ ފަރުވާފަދަ ތަފާތު ފަރުވާތައް ފޯރުކޮށްދޭނެ ކަމަށް މިކަން އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މި ކޭމްޕުގައި ބައިވެރިވުމަށް އެޕޮއިންޓުމެންޓު ހެއްދުމަށް 9693535 މިނަންބަރާ ގުޅައިގެން އެކަން ހަމަޖެއްސުމަށް ކުޅުދުއްފުށީގައި މި ކޭމްޕް އިންތިޒާމުކުރާ ފަރާތުން އެދިލައްވައެވެ.